ސްޕެނިޝް ލީގްގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 0-1 ލަނޑުން ބާސެލޯނާ ބަލިވެއްޖެއެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސާ ކޮޅަށް ސޮއިއެޑާޑްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފަސް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މިކޭލް އަރްޒަބަލް އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ބާސާއަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. އެގޮތުން މެޗުގައި ބާސާގެ އަރްދާ ޓުރާންއަށް ލަނޑު ޖަހަން ލިބުނު ފުރުސަތު ވަނީ ބޭކާރުވެގެން ގޮސްފައެވެ.

ރޭގެ މެޗުން ބާސާ ބަލިވިނަމަވެސް، ލީގު ތާވަލްގެ އެއް ވަނަ މަގާމްގައި އަދި ވެސް އޮތީ އެޓީމެވެ. ލީގުގެ އެއްވަނައިގައި ބާސާ 76 ޕޮއިންޓާއެކީ އޮތްއިރު، ދެވަނައިގައި 73 ޕޮއިންޓާއެކީ އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ލީގުގެ ތިންވަނައިގައި 72 ޕޮއިންޓާއެކީ އޮތީ ރެއާލް މެޑްރިޑެވެ.

މިއީ ބާސާ ލީގުގައި ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އެޓީމު ވަނީ ލީގުގައި މިދިޔަ ހަފްތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެފައެވެ.