އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްވެންސީ ސިޓީ އަތުން 1-0 ލަނޑުން ޗެލްސީ ބަލިވެއްޖެ އެވެ.

މިއީ ޗެލްސީގެ ކޯޗުކަމާ ވަގުތީ ގޮތުން ގުސް ހިޑިންކްއާ ހަވާލުކުރި ފަހުން އެޓީމު ލީގު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ސްވެންސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީ ކޮޅަށް ސްވެންސީއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ގިލްފީ ސިގަޑްސަންއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްވެންސީއިން ލަނޑެއް ޖަހާ މެޗުގެ ލީޑް ނެގިނަމަވެސް، ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ވަނީ ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ޗެލްސީގެ ބްރެޒިލް ފޯވާޑް އެލެސަންޑްރޯ ޕަޓޯއަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވުނެވެ. އެހެންނަމަވެސް ޕަޓޯ ސްވެންސީގެ ގޯލަށް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.

ރޭގެ ނަތީޖާއާއެކީ ޗެލްސީ އޮތީ 44 ޕޮއިންޓާއެކީ ލީގުގެ 10 ވަނައިގައެވެ. މެޗުން މޮޅުވި ސްވެންސީ އޮތީ، 40 ޕޮއިންޓާއެކީ ލީގުގެ ލީގުގެ 13 ވަނައިގައެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު، ކްރިސްޓަލް ޕެލެސްއިން ވަނީ ނޯވިޗް ސިޓީގެ މައްޗަށް 0-1 ލަނޑުގެ ނަތީޖާއިން ކުރިހޯދާފައެވެ. އަދި ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 ލަނޑުން ސައުތްހެމްޓަން މޮޅުވިއިރު ބޯންމަތްއިން ވަނީ 2-1 އިން އެސްޓަންވިލާގެ މައްޗަށް ކުރި ހޯދާފައެވެ. އަދި އެވަޓަން އާއި ވޮޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 1-1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. އަދި އާސެނަލް އާއި ވެސްޓް ހާމް ޔުނައިޓެޑް ބައްދަލުކުރި މެޗް ވެސް ނިމުނީ 3-3 ލަނޑުން ދެ ޓީމް އެއް ވަރު ވެގެންނެވެ.