އިޓަލިއަން ސެރީއާގައި ރޭ ފަހަތުން އަރައި އޭސީ މިލާން އަތުން 2-1 ލަނޑުން ޔުވެންޓަސް މޮޅުވެއްޖެ އެވެ.

އޭސީ މިލާންގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ވެސް ނެގީ މިލާނުންނެވެ. އެލަނޑު މެޗުގެ 18 ވަނަ މިނެޓުގައި މިލާނަށް ކާމިޔާބު ކޮށްދިނީ ބްރެޒިލް ޑިފެންޑަރު އެލެކްސް އެވެ.

ޔުވެންޓަސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރޮއޭޝިއާ ފޯވަޑް މާރިއޯ މަންޒޫކިޗް އެވެ. އަދި މެޗުން ޔުވެންޓަސް މޮޅިވި ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޕޮގްބާ އެވެ.

ރޭގެ މެޗުން ޔުވެންޓަސް މޮޅުވުމުން، އިޓަލިއަން ސެރީއާގައިެލީގުގެ އެއް ވަނާގައި އެޓީމް ވަނީ ފަރަގު ބޮޑުކޮށްފަ އެވެ. އެގޮތުން ލީގުގައި ކުޅުނު 32 މެޗުން ޔުވެންޓަސްއަށް 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނާގައި އޮތް ނަޕޯލީއަށް 31 މެޗުން ލިބިފައި ވަނީ 67 ޕޮއިންޓެވެ. އަދި އޭސީ މިލާން އޮތީ 32 މެޗުން ލިބުނު 49 ޕޮއިންޓާއެކު ހަ ވަނައިގައެވެ.

މީގެއިތުރުން ސެރީއާގައި ރޭ ރަށުން ބޭރުގައި ފްރޮސިނޯންއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން ވަނީ 1-0 ލަނޑުން މޮޅުވެފަ އެވެ.