ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާން ބޭނުންވާ މީހުންނަށް، ފައިސާ ދެއްކުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް މިހެން ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމުގައި ބައިވެރިވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއަޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިއެއްބަސް ވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ އުމްރާއަށް ދާންބޭނުންވާ މީހުންނަށް މާދަމާ އިން ފެށިގެން އެބޭފުޅަކު ދާން ބޭނުންވާ އަހަރެއް ކަނޑައެޅުމަށްފަހު ބޭނުންވާ ގޮތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

މާދަމާ އިން ފެށިގެން ރަޖިސްޓްރީ ކުރުމަށްފަހު ފުރަތަމަ އެއްހާސް ރުފިޔާ ދެއްކުމަށްފަހު އެބޭފުޅަކު ބޭނުންވާ ގޮތަކަށް ފައިސާ ދައްކާ ހަމަ ކުރެވޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ އަހަރަކުވެސް ޖެނުއަރީ މަހު އެ އަހަރަކަށް ކަނޑައެޅިފައިވާ އުމްރާ ދަތުރުތަކުގެ އަގު އިއުލާން ކުރާނެ ކަމަށެވެ.

"ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމުގައި ބައިވެރިވާ ކުންފުނިތައް ވެސް މިހާރު މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުން،" ޔާމީން ވިދާޅުވި އެވެ.

ޔާމިން އިތުރަށް ވިދާޅުވީ އެމްއޭސީއެލް އަކީ މިސްކީމުގައި ބައިވެރިވި ތިންވަނަ ކުންފުނި ކަމަށާއި އަދި އެމްއޭސީއެލް އަކީ މި ސްކީމުގައި ބައިވެރިވި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މުވައްޒަފުން ގިނަ ކުންފުނި ކަމަށެވެ.