ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް ކުލްދީޕް ޕަލިވާލް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނީ، ކުލްދީޕަކީ ބޭންކިންގ ސިނާއަތުގައި ކޮންސިއުމާ އަދި ކޮމަރޝަލް ބޭންކިންގ ދާއިރާއިން 17 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އޭނާ ވަނީ އިންޑިޔާގައި އެކި ބޭންކުތަކުގެ އިސް މަޤާމްތައް އަދާކޮށްފައި ކަމަށާއި އޭނގެ ތެރޭގައި ސިޓީބޭންކް، އައިޑީބީއައި ބޭންކް އަދި އައިސީއައިސީއައި ބޭންކް ހިމެނޭ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ބީއެމްއެލް އާ ގުޅިވަޑައިގަތުމުގެ ކުރިން ކުލްދީޕް ހުންނެވީ އެފްރިކާގެ ޓެންޒޭނިޔާގައި އެކްސިމް ބޭންކުގެ ބިޒްނަސް ހެޑް އޮފް ކޯޕަރޭޓް އެންޑް އިންވެސްޓްމަންޓް ބޭންކިންގެ މަގާމުގައި ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ކުލްދީޕްއަކީ އިންޑިއާ އިން މާސްޓަރސް އޮފް ބިޒްނަސް އިކޮނޮމިކްސް (ފައިނޭންސް) އަދި މާސްޓަރ އޮފް ސައިންސް (ސްޓެޓިސްޓިކްސް) ހާޞިލުކޮށްފައިވާ ބޭފުޅެކެވެ. އަދި ޕްރޮފެޝަނަލް ދާއިރާއިން ސަރޓިފައިޑް އެސޯސިއޭޓް އޮފް އިންޑިއަން އިންސްޓިޓިއުޓް އޮފް ބޭންކަރސް (ސީއޭއައިއައިބީ)، ސަރޓިފިކެޓް އިން ކޭވައިސީ/އޭއެމްއެލް (އިންޑިއާ) އަދި ސަރޓިފައިޑް ފްރޯޑް އެގްޒެމިނަރ (ޔޫއެސްއޭ) އިން ހޯއްދަވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޔުނިވަރސިޓީ އޮފް ޗިކާގޯގެ ސިންގަޕޯރ ކޭމްފަސްގައި ލީޑަރޝިޕް އަދި ނެޓްވަރކިންގ ވޯކްޝޮޕްގައި ބައިވެރިވެވަޑައިގެންފައި ކަމަށް ވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ކޯޕަރޭޓްބޭންކިންގ ޑައިރެކްޓަރގެ މަޤާމަށްބޭފުޅަކު ޢައްޔަނުކުރުމާއި ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫހީލީ ވިދާޅުވީ މިދިޔަ އަހަރު ކޯޕަރޭޓް ބޭންކިންގ އިން ރަނގަޅު ނަތީޖާއެއް ހާސިލްކޮށް، އަލަށް ދޫކޮށްފައިވާ ލޯނުގެ ނިސްބަތްވެސް ދެ ގުނައަށް އިތުރުވެފައިވާ ކަމަށާއި ގެ ރަނގަޅު ޓީމެއް އެބަ އޮތް ކަަމށެވެ. އަދި ކުލްދީޕް ފަދަ ތަޖުރިބާ ހުރި ބޭފުޅަކާއެކު ވިޔަފާރި އިތުރު ހަރުފަތަކަށް ކުރިއަށްގެންދެވޭނެ ކަމަށާއި ކޯފަރޭޓް ބޭންކިންގ އިތުރަށް ފުޅާކޮށް ކަސްޓަމަރުން ބޭނުންވާނެ ފަދަ އެންމެ މަތީފެންވަރުގެ ޚިދުމަތް ދިނުމުގައި ކުލްދީޕް އާއި އޭނާގެ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށް އެންޑްރޫހީލީ ވިދާޅުވިއެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު މުޅިރާއްޖެ އަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދޭ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ. މިދިޔަ އަހަރު ބޭންކުން ދޫކުރި 3.4 ބިލިއަންރުފިޔާގެ ލޯނަކީއޭގެ ކުރީއަހަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.