ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ކަމަށް މަރިޔަމް ނިހާޔަތު އަދި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް އައިޝަތު ފަޒުނާ އަހްމަދު އައްޔަންކުރައްވައިފި އެވެ.

ޑެޕިއުޓީ ޕީޖީ ކަމަށް ނިހާޔަތު އައްޔަންކުރައްވާފައި މިވަނީ އެ އޮފީހުގައި ދެ ޑެޕިއުޓީ ޕީޖީ ތިއްބަވާ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް ހުށަހެޅުނު އިސްލާހު މަޖިލީހުން ފާސްކޮށް މިމަހުގެ ހަވަނަ ދުވަހު ރައީސް އަބްދުﷲ ޔާމިން މި އިސްލާހު ތަސްދީގު ކުރެއްވުމުންނެވެ.

ޕީޖީ އޮފީހުގެ ޑެޕިއުޓީ ޕީޖީ އާއި އެސިސްޓެންޓް ޕީޖީގެ މަގާމަށް ބޭފުޅުން އައްޔަންކުރައްވަނީ ޕްރޮސެކިއުޓާ ޖެނަރަލް އެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި މިއަދާ ހަމައަށް ހުންނެވީ މަހްމޫދު ސަލީމް އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން އެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް އަކީ ޕްރޮސެކިއުޓާ ޖެނަރަލް ނެތް ހާލަތުގައި އެ މަގާމުގެ ޒިންމާ އަދާކުރައްވަން ހުންނަވާ ފަރާތެވެ. އެހެންކަމުން ޕީޖީ އޮފީހުގައި މިހާރު ޑެޕިއުޓީ ޕީޖީގެ މަގާމުގައި ތިއްބެވީ މަހްމޫދު ސަލީމްއާއި ނިހާޔަތު އެވެ.

ޑެޕިއުޓީ ޕީޖީ ކަމަށް ނިހާޔަތު މިއަދު އައްޔަންކުރެއްވިއިރު އޭނާ ހުންނެވީ އެސިސްޓެންޓް ޕީޖީގެ މަގާމުގަ އެވެ. ނިހާޔަތު ޑެޕިއުޓީ ޕީޖީ ކަމަށް އައްޔަންކުރެއްވިއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިހާޔަތުގެ މައްސަލައެއް ބަލަމުންދާ ކަމަށް އެނގިފައިވެ އެވެ.

ނިހާޔަތު ޕީޖީ އޮފީހުގެ ވަޒީފާއަށް ނިކުންނެވީ ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް އޭނާއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން ޖޭއެސްސީ އިން އެ މައްސަލަ ބަލަންދެން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވަނިކޮށް ގާޒީ ކަމުން އިސްތިއުފާ ދެއްވުމަށްފަހު އެވެ.

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލް ކަމަށް މިއަދު އައްޔަންކުރެއްވި ފަޒުނާ މިހާތަނަށް ހުންނެވީ ޕީޖީ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމުގަ އެވެ. ފަޒުނާ އަކީ ދައުލަތުގެ ފަރާތުން ޖީނާއީ ބޮޑެތި މައްސަލަތަކުގައި ކޯޓު ތަކުގައި ވަކާލާތު ކުރައްވާ ވަކީލެކެވެ.

ފަޒުނާގެ އިތުރުން ޕީޖީ އޮފީހުގައި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި މިވަގުތު ތިއްބެވީ ޖިހާދާ އަނީސް އާއި ހުސައިން ނާޝިދު އެވެ.