ނޫސްވެރިކަމުގެ މިނިވަންކަމަށް މިހާރު ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައި ދިވެހި ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ދައުލަތުގެ އިސް ފަރާތްތަކަށް ހުށަހަޅައިފި އެވެ.

މި ޕެޓިޝަން މިއަދު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހަށާއި، ރައީސް އޮފީހަށާއި ސުޕްރީމް ކޯޓުން އެދިގެން ޑިޕާމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށެވެ.

މި ޕެޓިޝަނުގައި ރާއްޖޭގެ 11 މީޑިއާ ހައުސް އަކުން 183 ނޫސްވެރިޔަކު ސޮއިކޮށްފައިވެ އެވެ.

ނޫސްވެރިންގެ ތެރެއިން އެކުލަވާލާފައިވާ ވޯކިން ގުރޫޕުން ބުނީ މި ޕެޓިޝަންގައި ފާހަގަކޮށްފައިވާ މައްސަލަތައް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބަލައި އެ މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ޕެޓިޝަން ހުށަހަޅަން މުއައްސަސާތަކަށް ދިއުމުން ޕެޓިޝަން ބަލައިގަނެފައިވާ ކަމަށްވެސް ވޯކިން ގުރޫޕުން ބުނެ އެވެެ.

މި ޕެޓިޝަންގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ނޫސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ ހުރަސްތަކާއި ބިރުދެއްކުމުގެ އަމަލުތަކާ އެކު އުފެދިފައިވާ ބިރުވެރި މާހައުލާ މެދު ނޫސްވެރިން ކަންބޮޑުވާ ކަމަށެވެ.

"މި ބިރުވެރި މާހައުލު އުފެއްދުމަށް މަގުފަހިވެފައިވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނޫސްވެރިންނަށް ބިރުދައްކަން ހިންގި އަމަލުތަކާ ނޫސްވެރިންނަށް ދީފައިވާ މަރުގެ ހަމަލާތަކާއި، ބައެއް މީޑިއާ ތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުން ދިއުމުންނެވެ. އަދި އެބިރުވެރިކަން ބޮޑުވެފައިވަނީ މިފަހުން ނޫސްވެރިއަކު ވަގަށް ނެގިތާ ދެ އަހަރު ދުވަސް ވާން ކައިރިވެފައިވާއިރު ވެސް އެކަމުގެ ފަހަތުގައި ތިބި ކުށްވެރިނާ މެދު ދައުވާ ނުކޮށް އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދޭން އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވުމުގެ ސަބަބުންނެވެ،" ޕެޓިޝަންގައިވެ ބުނެފައިވެ އެވެ.

ޕެޓިޝަންގައި ބުނެފައިވަނީ ނޫސްވެރިންނަށް މިފަދަ ނުރައްކާތެރި މާހައުލަކާ ކުރިމަތިލާން ޖެހިފައިވަނިކޮށް އެކަން ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި މިއަދު ފެނިގެން ދަނީ ކޯޓު ތަކާއި ގާނޫނު ހަދާ މަޖިލިސް ފަދަ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ނޫސްވެރިންގެ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިކުރުވަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. ނޫސްވެރިންނަށް ކުރިމަތިކުރުވާ ހުރަސްތަކުގެ ސަބަބުން ގެއްލިގެން ދަނީ ހަމައެކަނި ނޫސްވެރިންގެ ހައްގުތައް ނޫން ކަމަށާއި އެކަމުގެ ސަބަބުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވޭ ކަމަށްވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާ އަށް ދަށަށް ގޮސްފައިވާ މިދަނޑިވަޅުގައި އެ މިނިވަންކަން ރައްކާތެރިކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ދިވެހި ނޫސްވެރިން ދެކޭ ކަަމަށްވެސް ޕެޓިޝަންގައިވެ އެވެ.

"މިދެންނެވި ކަންކަމަށް ރިއާޔަތްކޮށް އަދި ނޫސްވެރިންގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލާ ނޫސްވެރިންނަށް މަސައްކަތް ކުރާނެ އަމާން މާހައުލެއް ގާއިމުކުރުމަށްޓަކައި މިހާރު މިހާރަށް އަޅަންޖެހިފައިވާ ފިޔަވަޅުތައް މިހާރަށް އަޅައިދިނުމަށް ދިވެހި ނޫސްވެރިން ގޮވާލަމެވެ،" ޕެޓިޝަންގައި ނޫސްވެރިން ގޮވާލާފައިވެ އެވެ.