ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައިވާ ބައެއް ކަންކަމަށް ބަދަލް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް އެޓާނީ ޖެނެރަލް އަލްއުސްތާޒް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބް މިހެން ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މޯލްޑިވުސް މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީން ބަަންޑާރަ ނާއިބާއެެކު ބޭއްވެވި ބައްދަލްކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލްވުމުގައި ބަންޑާރަ ނާއިބް ދައްކަވާފައިވާ ވާހަކަފުުޅުތަކާއި ގުޅޭގޮތުން މީޑިއާ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަބުރުގެ ބިލްގައި މިހާރު ކަނޑައަޅާފައިވާ ޖިނާއީ އަދަބުގެ ބައިތައް މަދަނީ ބަޔަކަށް ބަދަލްކުރައްވަން މަސައްކަތް ކުރައްވާނެކަމަށް ބަންޑާރަ ނާއިބް ވިދާޅުވިކަމަށެވެ.
އަދި އަބުރާ ބެހިގެން ކުރާ ޖޫރިމަނާ ފަސް މިލިއަން ރުފިޔާއާއި ހަމައަށް ކުރެވިދާނެކަމަށް މިހާރު ބިލްގައި އޮތް ނަމަވެސް އެ އަަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ބަންޑާރަ ނާއިބް މި ބައްދަލްވުމުގައި ވިދާޅުވެފައިވާކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.
މީގެ އިތުރަށް ޖޫރިމަނާ ނުދެއްކުމުން ޖަލަށްލާ މުއްދަތަކީ އެއް އަހަރުކަމުގައި މިހާރު ބަޔާންކޮށްފައިވީނަމަވެސް އެ މުއްދަތު 3 މަސްދުވަހަށް ކުޑަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ބަންޑާރަ ނާއިބް ވިދާޅުވިކަމށެވެ. އަދި އަބުރާއިބެހުމާއި ގުޅޭބައިތައް އަބުރާބެހޭ ގަވާއިދުގެ ތެރެއަށްލާން ހުށައެޅުމުން އެކަމަށްވެސް މަސައްކަތް ކޮށްދެއްވާނެކަމަށްވެސް އަނިލް ވިދާޅުވެފައިވާކަމަށް އެމްއެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ބިލް ހުށައެޅި މެންބަރު ނިހާންއާއިވެސް އެމްއެމްސީން ވަނީ ބައްދަލްކޮށްފައެވެ. އެ ބައްދަލްވުމަށްފަހު ނޫސްވެރިކަމަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެބިލް އިސްލާހުކުރުމަށް ނިހާން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މީގެ އިތުރަށް އެމްއެމްސީން ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާއިވެސް މިބިލްގެ މަައްސަލައާއި ގުޅޭގޮތުން ބައްދަލްކުރައްވާފައެވެ. މި ބައްދަލްވުމުގައި މިނިސްޓަރު އުމަރު ވަނީ ނޫސްވެރިކަމުގެ ހައްގުގައި ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރަށް ނޫސްވެރިކަމަށް ހުރި ގޮންޖެހުންތަކާއި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް އޮތްގޮތުން ނޫސްވެރިންވެސް ވަނީ އިހްތިޖާޖްކޮށް، ހިނގާލުމެއް ކުރިއަށް ގެންގޮސް އަދި ޕެޓިޝަނެއްވެސް ހުށައަޅާފައެވެ.