އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ވެރިންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒިއާދު ބައިވެރިވެވަޑައިގަންނަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިމަހުގެ 14 އަދި 15 ދެދުވަހު ކުރިއަށް ގެންދާ އޯއައިސީގެ އެންމެ އިސްވެރިންގެ ބައްދަލްވުމުގައި ރައީސް ޔާމީންގެ މަންދޫބުގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެއްސެވީ ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބުދުﷲ ޔާމީން އިންޑިއާއަށް ވަޑައިގަތުމާއި ގުޅިގެންނެވެ.

އޯއައިސީގެ ވެރިންގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒިއާދު ތުރުކީއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ކުރިއަށްދާ މި ބައްދަލްވުމުގައި މިނިސްޓަރު ޒިއާދުގެ އަރިހުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިހް އިބްރާހިމް އަހްމަދުވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަަމަޖެހިފައެވެ.

އޯއައިސީގެ ވެރިންގެ 13 ވަނަ ސެޝަންގައި ރާއްޖޭގެ ފަރާތުން ކަރުދާހެއް ހުށައެޅުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި އެކަމުގެ ތަފްސީލް މިނިސްޓަރު ރާއްޖެއަށް ވަޑައިގެން ހިއްސާކުރައްވާނެކަަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެެވެ.

އޯއައިސީގެ ފަސްވަނަ އެކްސްޓްރާ އޯޑިނަރީ ސަމިޓް ކޮންފަރެންސް އޮފް ޕަލަސްޓައިން ގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އިންޑޮނޭޝިއާއަށް ވަޑައިގެންފައެވެ.

މީގެ އިތުރަށް (އޯއައިސީ) ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ޖެނުއަރީ މަހު ސައުދީއަށްވެސް ވަޑައިގެންފައެވެ.