ދެކުނު ކޮރެއާގައި އޮންނަ ޖެނެރަލް އެސެމްބްލީ އިންތިހާބު އޮބްޒާވް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ޓީމެއް ދެކުނު ކޮރެއާއަށް ވަޑައިގެންފިއެވެ.

މިޓީމުގައި މި ކޮމިޝަންގެ ފަރާތުން އިސްކޮށް ވަޑައިގެންނެވީ ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްތަފާއެވެ. ޓީމުގައި ދެން ހިމެނިވަޑައިގަންނަވަނީ ޑިރެކްޓަރު ޖެނެރަލް އަހުމަދު އަބޫބަކުރު އާއި ސީނިއާރ ކޮމްޕިއުޓަރު އެނަލިސްޓް އަލީ ނަޝާތު އަދި ސީނިއަރު އައިޓީ އޮފިސަރު އިބްރާހިމް އާމިރުކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިޓީމު ކޮރެއާއަށް މިކުރާ ދަތުރުގައި ކޮރެއާގެ އިންތިހާބުގެ ނިޒާމު އޮންނަ ގޮތުގެ ފުރިހަމަ މައުލޫމާތު އެއްކޮށް، އިންތިހާބު ހިނގާ ނުހިނގާ ގޮތް ބެލުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮގުން ކުރިއަރާފައިވާ ދެކުނު ކޮރެއާގައި އިންތިހާބީ ނިޒާމުގައި އައި.ޓީ ގެ ވަސީލަތްތައް ބޭނުންކުރެވޭ މިންވަރާއި އޭގެ އެސެސްމަންޓެއް މިޓީމުން ހަދާނެއެވެ. މީގެ އިތުރުންވެސް މިކޮމިޝަނުން ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމާ ގުޅޭގޮތުން، އޭ-ވެބާއި ދެކުނު ކޮރެއާގެ އިލެކްޝަންސް ކޮމިޝަނާއެކު ސޮއިކޮށްފައިވާ އެމް.އޯ.ޔޫގެ ދަށުން ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ވާހަކަދެކެވޭނެއެވެ.

7 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދަތރު ނިންމަވާލެއްވުމަށްފަހު މި ކޮމިޝަންގެ ޓީމް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.