ރާއްޖޭ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒްގެ މައްޗަށް ފުލުހަކަށް ހަމަލާދިން ކަމުގެ ދައުވާ އުފުލައިފިއެވެ.
ނޫސްވެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ފިޔާޒްގެ މައްޗަށް ފުލަހަކަށް ހަމަލާދިންކަމުގެ ދައުވާ އުފުލާފައިވާއިރު، ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވަނީ ފިޔާޒްގެ މައްޗަށް ދައުވާ އުފުލާފައިވާކަން ޔަގީންކޮށްދީފައިވާކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފުލުހަކަށް ހަމަލާދިނުމާއި ގުޅިގެން އާ ގާނޫނުލް އުގޫބާތުގައި އިބާރާތްކޮށްފައިވާ ގޮތުން ނަމަ އެއީ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ފިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އެއްއަހަރުގެ ދުވަހާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ފިޔާޒްގެ މައްޗަށް ދައުވާ އުފުލިއިރު، ރާއްޖެ ޓީވީގެ ދެ ނޫސްވެރިއެއްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
ދައުވާ އުފުލާފައިވަނީ ރާއްޖެ ޓީވީގެ ދެ ނޫސްވެރިންކަމުގައިވާ މުހައްމަދު ވިސާމް އަދި ލީވާން އަލީ ނާސިރުގެ މައްޗަށެވެ.
މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ވަނީ އުފުލާފައެވެ. ލީވާންގެ މައްޗަށް އުފުލާފައިވަނީ އެއް ދައުވާއެވެ. ވިސާމްގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އާއި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ކުށުގެ ދައުވާއެވެ.
މި ދެމައްސަލައިގައި ކޯޓަށް ހާޒިރު ވުމަށް ވިސާމް އަށް މިހާރު ވަނީ އަންގާފައެވެ. ފުރަތަމަ މައްސަލައިގައި ކޯޓަށް ހާޒިރު ވާން އަންގާފައި ވަނީ މިމަހު 14 ވަނަ ދުވަހުގެ 11:00 އަށެވެ. ދެވަނަ މައްސަލައިގައި ކޯޓަށް ހާޒިރު ވާން އަންގާފައި ވަނީ 17 ވަނަ ދުވަހު 10:00 އަށެވެ.
ލީވާންގެ މައްޗަށް ދައުވާކޮށްފައިވަނީ، ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެވެ.
މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ، މި މަހުގެ 14 ދުވަހުގެ 11:00 އަށެވެ.