ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީން ބައިވެރިވާނީ ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން މިނިވަންކުރުމުން ކަމަށް އެމްޑީޕީން ކޮމަންވެލްތަށް އަންގައިފި އެވެ.
އެމްޑީޕީން މިކަން ހާމަކުރީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނަރަލް ޑޮކްޓަރ ޖޮސެފިން އޮޖިއަމްބޯއާއި އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މިބައްދަލުވުމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮމަންވެލްތްގެ ވަފްދުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ މެދު މަޝްވަރާކުރެއްވި ކަމަށެެވެ.
މިބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެ މިއަދު ވެއްޓިފައިވާ ނުރައްކާތެރި ހާލަތުން މިންޖުވުމަށް ސަރުކާރު ހިމެނިގެން ސިޔާސީ ފަރާތްތަކާއެކު މަޝްވަރާކުރުމަށް އެމްޑީޕީން އަބަދުވެސް ތާއީދު ކުރާ ކަމަށެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެތައް ބަޔަކު ސިޔާސީ ބޭނުމަށް ހައްޔަރުކޮށް ބޭއިންސާފުން ޝަރީއަތް ހިންގައި ޖަލަށް ލާފައިވާ ކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސަރުކާރުން އެދޭގޮތަށް ރާއްޖޭގެ ގާނޫނު އަަސާސީއާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފަށް ޝަރީއަތް ހިންގައި ޖަލަށްލާފައިވާ ސިޔާސީ ލީޑަރުން މިނިވަންނުކޮށް އިތުބާރު އޮތް މާހައުލެއް ގާއިމުނުކުރެވޭނެ ކަމަށެވެ.
"އެހެންކަމުން މިފަދަ މާހައުލެއް ގާއިމުކުރެވޭނީ ހައްޔަރުކުރެވިފައިވާ ނުވަތަ ބޭއިންސާފު ޝާރީއަތް ހިންގަައި ޖަލަށްލާފައިވާ ސިޔާސީ ވެރިން އެއްވެސް ޝަރުތެއްނެތި މިނިވަންކޮށްގެން ކަމުގައި އެމްޑީޕީން ޑެޕިއުޓީ ސެކެޓަރީ ޖެނެރެލް އަރިހުގައި ދެންނެވި އެވެ. އަދި އިސްވެދެންނެވުނު ކަންކަން ފުރިހަމަ ނުވަނީސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީން ބައިވެރިނުވާނެ ކަމުގައިވެސް ޑެޕިއުޓީ ސެކެޓަރީ ޖެނެރެލް އަރިހުގައި ދެންނެވި އެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ މި ބައްދަލުވުމުގައި ފެބްރުއަރީ މަހު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް އިސްލާހުކުރުމަށް ސަރުކާރަށް ހުށަހެޅުއްވި ހުރިހާ ކަމަކާ ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން ތައްޔާރުކޮށްފައިވާ ތަފްސީލީ ކަރުދާހެއް އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއާ އަދި ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދު ޑެޕިއުޓީ ސެކްރެޓަރީ ޖެނެރެލްއާ ހިއްސާކުރެއްވި ކަމަށެވެ. މި ކަރުދާހުގައި ފެބްރުއަރީ މަހު ސީމެގުން ނިންމި ހުރިހާ ކަމަކާ ގުޅޭ ގޮތުން ސަރުކާރުން އަމަލުކުރާ ގޮތުގެ ތަފްސީލު ހިމެނޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ޗެއާޕަސަނާއި ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރުންނެވެ.