ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިސާމް، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަ ޖޮސެފިން އޮޖިއަމްބޯއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދުގެ ހަވީރު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގަ އެވެ.

ޕީޖީ އޮފީހުން ބުނީ މި ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލަމުންދާ ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ ބައެއް ގާނޫނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ކޮމަންވެލްތުގެ ފަންނީ ބޭފުޅެއްގެ އެހީތެރިކަން ރާއްޖެއަށް ދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލާފައިވާ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭންއާ ބެހޭ މައުލޫމާތުތައް ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް އެރުވުމުގެ ގޮތުން އެޕްލޭންގައިވާ ބައެއް މުހިއްމު ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޕްރޮސިކިއުޓަ ޖެނެރަލް މައުލޫމާތު ހިއްސާކުރެއްވި ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.

ސްޓްރެޓީޖިކް ޕްލޭންގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމާ ބެހޭގޮތުންނާއި ޕްރޮސިކިއުޓަރުން ތަމްރީންކުރުމާ ގުޅޭގޮތުން ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް ވެދެއްވޭނެ އެހީތެރިކަމުގެ މައްޗަށްވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.