އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް މެންޗެސްޓާ ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު އުދަނގޫ ތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ލީގުގެ ގަދަ ހަތަރަކަށް އަރަން ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު އުދަނގޫ ތަކާ ކުރިމަތިލާން ޖެހުނީ ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-0 ލަނޑުން ބަލިވުމުންނެވެ.

ޓޮޓެންހަމްގެ ވައިޓް ހާޓް ލޭންގައި ކުޅުނު މިމެޗުގައި، ޔުނައިޓެޑް ކޮޅަށް ޓޮޓެންހަމްއިން ޖެހި ފުަރަތަމަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެލޭ އަލީ އެވެ. އޭގެ ހަތަރު މިނެޓްފަހުން ލަމޭލާ ދިން ބޯޅައަކުން ޓޮޓެންހަމްއަށް ލީޑު ފުޅާކޮށްދިނީ ޓޮބީ އެލްޑާވެރެލްޑް އެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ އިތުރު ލަނޑެއް ޖަހައި، އިތުރަށް ލީޑު ފުޅާކޮށްފަ އެވެ. ޑިފެންޑަރު ޑެނީ ރޯސް ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެރިކް ލަމޭލާ އެވެ.

މި ނަތީޖާއާއެކު ލީގުގެ ދެ ވަނައިގައި އޮތް ޓޮޓެންހަމްއަށް 33 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް ލެސްޓާ ސިޓީއަށް 33 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ. އަދި ޔުނައިޓެޑް ކުޅުނު 32 މެޗުން ލިބުނު 53 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތްއިރު، ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 32 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު ސްޓޯކް ސިޓީ އަތުން ލިވަޕޫލް ވަނީ ފަސޭހަކަމާއެކު 4-1 ލަނޑުން މޮޅުވެފަ އެވެ. ލިވަޕޫލްއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޑިިވޯކް އޮރިގީ ކާމިޔާބުކޮށްދިންއިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލްބާޓޯ މޮރޭނޯ އާއި ޑެނިއެލް ސްޓަރިޖް އެވެ. ސްޓޯކް އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބޯޖާން ކްރިކް އެވެ. އަދި ސަންޑްލޭންޑް އަތުން ލެސްޓާ ސިޓީ މޮޅުވީ 2-0 ލަނޑުންނެވެ.