ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ޖަރުމަނުގެ ވުލްފްސްބާގްއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ ފިޓްވެއްޖެ އެވެ.

ބެންޒެމާއަށް އަނިޔާވީ ޗެމްޕިއަންސްލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ވުލްފްސްބާގްއާ ބައްދަލުކުރި މެޗުގައެވެ. އެ އަނިޔާގެ ސަބަބުން ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި ބެންޒެމާ ކުޅެފައެއް ނުވެއެވެ.

މިރޭގެ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ރެއާލްއިން މި ސީޒަނުގައި ކުރިމަތިލާނެ އެންމެ ވަރުގަދަ އަދި އެންމެ މުހިއްމު މެޗަކީ މިރޭގެ މެޗު ކަމަށެވެ. އަދި މިރޭގެ މެޗުގައި ބެންޒެމާ ފެންނާނެ ކަމަށް ވެސް ޒިދާން ބުންޏެވެ.

"ސަޕޯޓަރުން މިރޭ ދަނޑަށް ވަންނާނީ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމުގެ އުއްމީދުގަ. އެފަދަ މޮޅު ކުޅުމެއް މިރޭ ޓީމުގެ ފަރާތުން ފެންނާނެ" ޒިދާން ބުންޏެވެ.

ކުޅުންތެރިން ފަރިތަކުރުންތަކުގައި ކުރަމުން އަންނަ މަސައްކަތަށް ބަލާއިރު، މިރޭގެ މެޗުން ރެއާލްއަށް މޮޅުވެވޭނެކަމުގެ އުއްމީދު އޭނާއަށް ވަރަށް ބޮޑުކަމަށްވެސް ޒިދާން ބުންޏެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް އާއި ވުލްފްސްބާގް ބައްދަލުކުރި މެޗު 0-2 އިން ކާމިޔާބުކުރީ ވުލްފްސްބާގްއިންނެވެ. އެހެން ކަމުން މިރޭ މި ދެޓީމު ބައްދަލުކުރާ ދެވަލެގު މެޗުން ރެއާލް 0-3 ގެ ނަތީޖާއިން ވުލްފްބާގުމައްޗަށް ކުރިހޯދައިގެން ނޫނީ އެޓީމަށް ސެމީގެ ޖާގައެއް ނުލިބޭނެ އެވެ. މިރޭގެ މެޗް ފަށާނީ ރާއްޖެ ގަޑިން 11:45 ގައެވެ.