ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރަން އިންޑިއާގައި މަތީ ފެންވަރުގެ ހޮޓާ ތަކެއް ހިންގަމުން ގެންދާ ލީލާ ކުންފުންޏާއެކު މަޝްވަރާކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ގުޅޭ މައުލޫމާތު ދެއްވަމުން ރައީސް އަރިހުގައި އިންޑިއާ އަށް ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިގްތިސޯދީ ދާއިރާގައި ރައީސް ޔާމީން ވަރަށް ފުޅާ ސިޔާސަތެއް ގެންގުޅުއްވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ދޭދޭ ވިޔަފާރީގެ ގުޅުމުން ގައުމުތަކާއި އެކު ގުޅުން ބަދަހިކުރެއްވުމަށް ކަމަށާއި، އެގޮތުން މިހާރުވެސް އިންޑިއާގެ ގިނަ ވިޔަފާރި ކުންފުނި ތަކުން ރާއްޖޭގައި އިންވެސްޓް ކުރަމުންދާ ކަމަށެވެ.

ޝައިނީ ވިދާޅުވީ ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރުމަށް ލީލާ ކުންފުންޏާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރަށް ތިންވަނަ އިންވެސްޓަމަންޓް ފޯރަމް އިންޑިއާގައި ބޭއްވިއްޖެނަމަ ދެ ގައުމުގެ މެދުގައި އިގްތިސޯދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.