އޮލިމްޕަސް ސިނަމާގައި ފިލްމު އަޅުވައި ހިންގުމަށްޓަކައި ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ހަވާލުކުރަން ނިންމައިފި އެވެ.

ޔޫތް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޮލިމްޕަސް ސިނަމާގައި ފިލްމު އަޅުވައި ހިންގުމަށްޓަކައި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ޕީއެސްއެމް ގުޅިގެން އެމްއޯޔޫ އެއްގެ ދަށުން އޮލިމްޕަސް ހިންގަން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން މިގޮތަށް ނިންމުމާއި ގުޅިގެން އޮލިމްޕަސް އަމިއްލަ ފަރާތަކާއި ހަވާލުކުރަން ނިންމާ އެތަން ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތައް ހޯދަން މިދިޔަ މާޗްގެ ތެރޭގައި ކުރެވުނު އިއުލާން ބާތިލްކުރެވިފައިވާ ކަމަށްވެސް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ހިންގުމަށާއި އަދި ފިލްމްތައް އެޅުވުމަށް ބޭނުންކުރަމުންދާ އޮލިމްޕަސް މިހާރު ބަލަހައްޓަމުން ގެންދަނީ އެންސީއޭ އިންނެވެ.

އޮލިމްޕަސް އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމަށް ނިންމުމާއި ގުޅިގެން މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަމިއްލަ ފަރާތަކުން އެތަން ކުއްޔަށް ނެގުމުން ފިލްމީ ދާއިރާގެ ފަރާތްތަކުން ބޭނުންވާ ވަގުތު އޮލިމްޕަސް ނުލިބުމާއި ފިލްމް އަޅުވަން ކުއްޔަށް ލިބޭނެ އަގު ބޮޑުވެދާނެ ކަމަށް ބުނެ ފިލްމީ ދާއިރާގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.