މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މާޗް މަހު އާމްދަނީގެ ގޮތުގައި 1.096 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މާޗު މަހު މީރާއަށް ލިބުނު އާމްދަނީއަށް ވުރެ މިއަހަރުގެ މާޗު މަހު ލިބުނު އާމްދަނީ ވަނީ 13.7 އިންސައްތަ ދަށަށް ގޮސްފަ އެވެ. މިއީ މާޗް މަހު ލިބޭނެ ކަމަށް ކުރިން ލަފާކުރި އަދަދަށް ވުރެވެސް 8.2 އިންސައްތަ ދަށް އަދަދެކެވެ.
މީރާއަށް މިދިޔަ އަހަރުގެ މާޗް މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.
މީރާއަށް ލިބުނު އާމްދަނީ ވަނީ މިދިޔަ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ވެސް ދަށްވެފަ އެވެ. މިދިޔަ ފެބްރުއަރީ މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާ އެވެ.
މީރާއަށް މިދިޔަ މާޗް ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 562 މިލިއަން ރުފިޔާ އެވެ. އެއީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 403.2 މިލިއަން ރުފިޔާއާއި ޖެނަރަލް ޖީއެސްޓީގެ ގޮތުގައި ލިބުނު 158.7 މިލިއަން ރުފިޔާ އެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މާޗް ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 64.1 މިލިއަން ރުފިޔާ އާއި ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 310،086 ލައްކަ ރުފިޔާއާއި، ބިން ވިއްކައިގެން 155،294 ލައްކަ ރުފިޔާއާއި، ޓޫރިޒަމް ޓެކްސްގެ ގޮތުގައި 3794 ރުފިޔާ ލިބިފައިވެ އެވެ.
މީގެ އިތުރުން ބިމު ކުލީގެ މުއްދަތު އިތުރުކޮށްދީގެން 3.74 މިލިއަން ރުފިޔާއާއި ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދީގެން 277.5 މިލިއަން ރުފިޔާގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 66.1 މިލިއަން ރުފިޔާއާއި އަދި ޖޫރިމަނާގެ ގޮތުގައި 10 މިލިއަން ރުފިޔާ ވެސް މިދިޔަ މާޗް މަހުގެ ތެރޭގައި މީރާއަށް ލިބިފައިވެ އެވެ.
މީރާއަށް މާޗް މަހުގެ ނިޔަލަށް ލިބުނު އާމްދަނީއާއި އެކު މިއަހަރުގެ ފުރަތަމަ ތިން މަހު މީރާއަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 4.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 600 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގެ ނިޔަލަށް މީރާއަށް ލިބިފައިވަނީ 3.7 ބިލިއަން ރުފިޔާ އެވެ.