ހުސްވި މާޗް މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 25 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހުސްވި މާޗް މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ޖުމްލަ 222.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މާޗް މަހު ލިބިފައިވަނީ 298.0 މިލިއަން ރުފިޔާއެވެ

ކަސްޓަމްސްއިން ބުނީ، ހުސްވި މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު އަދި ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އެފްއޯބީ އަގު ވެސް ވަނީ އިތުރުވެފައި ކަމަށެވެ. އަދި މި މުއްދަތުގައި އިމްޕޯޓުކުރެވުނު މިންވަރު 15 އިންސައްތަ އިތުރުވެފައިވާއިރު، އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ 3 އިންސައްތަ އިތުރުވެފައި ކަމަށް ކަސްޓަމްސްއިން މައުލުމާތު ދެއެވެ.

މިދިޔަ އަހަރުގެ މާޗް މަހު 2.62 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މިއަހަރުގެ މާޗް މަހު އެތެރެކުރެވުނު މުދަލުގެ ސީއައިއެފް އަގަކީ 3.00 ބިލިއަން ރުފިޔާއެވެ. އަދި މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓުކުރެވުނު މުދަލުގެ އެފްއޯބީ އަގު 302 މިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ މާޗް މަހު މި ޢަދަދު ހުރީ 292 މިލިއަން ރުފިޔާގައި ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން ބުނީ، ހުސް ވި މާޗް މަހު ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެޝިނަރީގެ ބާވަތްތައް ކަމަށެވެ. އަދި މެޝިނަރީއަށް ސީއައިއެފް 633 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ހޭދަކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތަކަށް ސީއައިއެފް 553 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިމްޕޯޓުގެ ބޮޑު ބައެއް ހިއްސާކުރި ތެލުގެ ބާވަތްތަކަށް ހުސްވި މާޗް މަހު ހޭދަކޮށްފައިވަނީ ސީ.އައި.އެފް 321 މިލިއަން ރުފިޔާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައި ވެއެވެ.