އޯޓިޒަމް އެވެއަރނަސް މަހާއި ދިމާކޮށް ދިރާގުން ޑީޓިއުން ބޭންޑާއި ގުޅިގެން އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރަށް 10.000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަހާއި ގުޅިގެން، ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ ޑީޓިއުން ބޭންޑުން ނެރިފައިވާ ހާއްސަ ލަވަ ދިރާގުގެ ޕޭޖުގައި ޝެއަރ ކުރުމާއިއެކު 1000 'ލައިކްސް' ހަމަވުމުން ދިރާގުން ވަނީ 10000 ރުފިޔާ އެ ސެންޓަރަށް ހަދިޔާ ކުރާނެކަން އިއުލާންކޮށްފައެވެ.އެ ގޮތުން މި ކެމްޕޭނަކީ މި މަސްދުވަހުގެ ތެރޭގައި، އޯޓިޒަމްއަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ދިރާގުގެ ސޯޝަލް މީޑިޔާ ޗެނަލް ބޭނުންކޮށްގެން ހިންގުނު ހާއްސަ ހަރަކާތެއް ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

މިއަދު ދިރާގުގައި މިކަމަށްޓަކައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ދިރާގާއި ޑިޓިއުން ބޭންޑުގެ ފަރާތުން ވަނީ އިމާދުއްދީން ސްކޫލާއި މި ފައިސާ ހަވާލުކޮށްފައެވެ.

ދިރާގުގެ ފަރާތުން މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ، އެކުންފުންޏަކީ ޒުވާނުން އިސްނަގައިގެން ކުރާ މިފަދަ ކަންކަމުގައި އަބަދުވެސް ބައިވެރިވެ އެހީވާން ތައްޔާރަށް އޮތް ކުންފުންޏެއް ކަމަށެވެ

" ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން އަބަދުވެސް ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ދާއިރާއެއް. އެގޮތުން އޯޓިޒަމް ހުންނަ ކުދިންނާއި ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގައި ޑީޓިއުން ފަދަ ޒުވާން ފަންނާނުން ތަކަކާއިއެކުހިންގުނު މި ހަރަކާތުގައި ދިރާގު ބައިވެރިވެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް." އިމްޖާދް ވިދާޅުވި އެވެ.