އައިލެންޑް އޭވިއޭޝަންގެ 16 ވަނަ އަހަރީދުވަސް ފަހާގަކުރަމުންދާއިރު، އެކުންފުނިން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ އޭވިއޭޝަން ޓްރެއިނިން އިންސްޓިޓިއުޓެއް ގާއިމުކުރުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ މިވަގުތު ކުންފުނިން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ އޭވިއޭޝަންގެ ދާއިރާއަށް ޝައުގުވެރިވާ ކުދިން، އެދާއިރާއިން ތަމްރީނު ވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި އޭވިއޭޝަން ޓްރެއިނިން އިންސްޓިޓިއުޓެއް ގާއިމުކުރުން ކަމަށާއި މިފަދަ އިންސްޓިޓިއުޓެއްގެ ސަބަބުން ރާއްޖޭގައި ތިބެގެން ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ތަމްރީނު ވުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދާނެ ކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.

އަދި މިއަހަރު ތެރޭގައި މި އިންސްޓިޓިއުޓް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.

ގައުމީ އެއާލައިނުގެ ގޮތުގައި2000 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އައިލޭންޑް އޭވިއޭޝަން އުފެދިގެން އައިއިރު، އެ ކުންފުނިން އާމުންނަށް ހިދުމަތް ދެމުން އައީ އެންމެ 3 ބޯޓު ބެނުންކޮށްގެންނެވެ. އެކުންފުނިން ފުރަތަމަ ހިދުމަތަށް ގެނައީ ޑޯނިއާ 228 މަރުކާގެ ދެ ބޯޓާއި، ބޮމްބާޑިއާ ޑޭޝް 8 މަރުކާގެ އެއް ބޯޓެވެ.އެންމެ ފުރަތަމަ ގެނައި 3 ބޯޓަކީ އެކުންފުނިން ކުއްޔަށް ގެނައި ތިން ބޯޓެވެ.

އައިލެންޑް އޭވިއޭޝަންގެ އެއާލައިން ބައިގެ ނަން "އައިލޭންޑް އޭވިއޭޝަން ސާވިސް" ގެ ނަމުން މިހާރު މިކިޔާ ގޮތަށް "މޯލްޑިވިއަންގެ" ނަމަށް ބަދަލުވެގެން ދިޔައީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އައިލޭންޑް އޭވިއޭޝަންގެ މަސައްކަތްތައް ވަރަށް އާދައިގެ ގޮތަކަށް ފެށިގެން އައިނަމަވެސް، ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކޮށް، ހިދުމަތުގެ 16 ވަނަ އަހަރު ފާހަގަ ކުރަމުންދާއިރު، އެ އެއާލައިންގެ ހިދުމަތް ވަނީ ކުރިއަށް ވުރެ އެތައް ގުނައެއް ތަރައްގީވެ ކުރިއަރާފައެވެ.

އެގޮތުން ކުއްޔަށް ނެގި 3 ބޯޓާއެކު ފެށި މިހިދުމަތް ފުޅާވެގެން ގޮސް، މިހާރު އައިލޭންޑް އޭވިއޭޝަނުގެ މިލްކުވެރިކަމުގައި 16 ބޯޓު އެބައޮތް ކަމަށް އައިލޭންޑް އޭވިއޭޝަނުން ބނެއެވެ. މީގެ ތެރެއިން 6 ބޯޓަކީ އެކުންފުނިން ދާދި ފަހުން އަލަށް ފެށި ސީ ޕްލޭން ހިދުމަތުގައި ބޭނުން ކުރާ ޓުއިންއޮޓާ މަރުކާގެ 6 ބޯޓެވެ.