ދިރާގުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހު އެކުންފުނިން އިއުލާންކޮށްފި އެވެ.

ދިރާގުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައިވަނީ މިމަހުގެ 26 ވާ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގައި ކަަމަށެވެ.

އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އަހަރީ އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅައި ފާސްކުރުމާއި، މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމާއި، ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އިންތިހާބު ކުރުމާއި އައްޔަނު ކުރުމާއި، ދިރާގުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ އަލުން އައްޔަނުކުރުމަށް ފާސްކުރަން ވަނީ ހިމަނާފަ އެވެ.

މީގެ އިތރުން މި އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައެޅުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމާއި، ކުންފުނީގެ ހިންގާ ގަވާއިދު އިސްލާހު ކުރުމަށް ފާސްކުރުން ވެސް އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވެ އެެވެ.

ދިރާގުން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް އެކަނި ކަމަށެވެ.