ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ރާއްޖެ އަށް ފުލް އެއާކޯން ލަގްޒަރީ ސީޕްލޭން މިއަދު ތައާރަފްކޮށްފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ޓީއެމްއޭގެ ޓާމިނަލްގައި މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މި ސީޕްލޭން ތައާރަފްކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

މިރަސްމިއްޔާތުގައި އާދިލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ ކުރިއަރުވާ ތަރައްގީ ކުރުމުގައި ޓީއެމްއޭ މުހިއްމު ދައުރެއް އަދާ ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް

ދުވަސްތަކުގައި ޓީއެމްއޭ އަށް ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި މުހިއްމު ހިދުމަތްތަކެއް ކޮށްދެވިދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ ޓީއެމްއޭ އިން އަބަދުވެސް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް އިސްކަންދޭ ކަމަށާއި މިއަދު ތައާރަފްކުރެވުނު ސީޕްލޭނަކީ ވެސް މިމަސައްކަތުގެވ ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ ޕެސެންޖަރުންގެ ތަރުހީބު ލިބޭ މިންވަރަކަށް ބެލުމަށްފަހު ލަގްޒަރީ ސީޕްލޭންތައް އިތުރުކުރާނެ ކަމަށެވެ.

ޓީއެމްއޭ އިން ގެންގުޅޭ ސީޕްލޭން ތަކުގައި 15 މީހުންގެ ޖާގަ ހުރި ނަމަވެސް މިއަދު ތައާރަފްކުރެވުނު ސީޕްލޭންގައި ހުންނަނީ އަށް މީހުންގެ ޖާގަ އެވެ. އަދި މި ސީޕްލޭންގެ ގޮނޑިތައް ތަންކޮޅެއް ބޮޑުކަން ފާހަގަވެ އެވެ.