ރާއްޖެއަށް އަލަށް ތައާރަފްކުރާ ހައިބްރިޑް ނުވަތަ އިލެކްޓްރިކް ޓެކްސީއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް އަނެއްކާވެސް އިތުރު ފުރުސަތު ދޭން ނިންމައިފި އެވެ.

ވީނިއުސްއަށް މިއަދު މައުލޫމަތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަ އަހްމަދު އައިމަން ޝަރީފް ވިދާޅުވީ އިލެކްޓްރިކް ޓެކްސީއަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމަށް އިތުރު ފުރުސަތު ދޭން ނިންމީ މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އީއޯއައި ހުށަހެޅުމަށް ދިން މުއްދަތުގައި ކަނޑައަޅާފައިވާ އަދަދަށް އީއޯއައި ހުށަހަޅާފައި ނުވާތީ ކަމަށެވެ.

އިލެކްޓްރިކް ޓެކްސީއަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށައެޅުމަށް ދެފަހަރުމަތިން އިއުލާންކޮށްފައިވެ އެވެ. މި މުއްދަތުގައި މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ވެސް ދެ ފަރާތަކުން ކަމަށް އައިމަން ވިދާޅުވި އެވެ.

"އެހެންކަމުން އިލެކްޓްރިކް ޓެކްސީއަށް ކުރިމަތިލުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް އަންނަ ހަފްތާގައި އަލުން ހުޅުވާލާނަން. މިހާރު އޮޕަރޭޓް ކުރާ ޓެކްސީ ސެންޓަރުތަކާއި މުޅިން އާ ކުންފުނިތަކަކަށް ވެސް އެކަމަށް ކުރިމަތި ލެވޭނެ،" އައިމަން ވިދާޅުވި އެވެ.

އިލެކްޓްރިކް ޓެކްސީ ތައާރަފު ކުރުމުގެ ބޭނުމަކީ މިހާރު ދެމުން ގެންދާ ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަދި ޓެކްސީ ހިދުމަތް ޒަމާނީ ހިދުމަތަކަށް ހެދުން ކަމުގައި އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް ތައާރަފްކުރާ އިލެކްޓްރިކް ޓެކްސީ ތަކުގައި ކުރެޑިޓް ކާޑުން ފައިސާ ދެއްކޭނެ ކަމަށާއި، އަދި އެއީ މީޓަރު ބެހެއްޓިފައި ހުންނަ ޓެކްސީ ތަކެއް ކަމަށެވެ.

ޓެކްސީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ވަކި ތަމްރީނެއް ޓްރާންސްޕޯޓް އޮތޯރިޓީން ދިނުމަށް ހަމަޖެހިފައިވާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އަލަށް ތައާރަފްކުރާ އިލެކްޓްރިކް ޓެކްސީގެ މަދުވެގެން 50 ޓެކްސީއަށް ހުއްދަ ދެވޭނެ ކަމަށާއި، އެންމެ ފުރަތަމަ މީގެ ޓެކްސީ ތައާރްފަކުރާނީ މަލެއާއި ހުޅުމާލެއަށް ކަމަށެވެ.