ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަމަލުކުރަމުންދާ އުސޫލުގެ ދަށުން، އަތޮޅުތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ހާމަކޮށްފި އެވެ.

މީރާއިން ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.

މީރާގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ހަ ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 77 ފަރާތަކާއެކު ޖުމުލަ 83 ފަރާތެއްގެ ނަން ހިމަނާފައިވެ އެެވެ.

މިރާގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެ ކަމަށް މީރާ އިން ބުނެ އެވެ.

މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.