ޔޫރޯ ފުޓު ބޯޅަ މުބާރާތުގެ މެޗެއް ބަލާލަން ފްރާންސަށް ދިއުމުގެ ފުރުސަތާއި އެކު ކޮކާކޯލާ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދުން ފެށިގެން 29 މެއިގެ ނިޔަލަށް ކުރިއަށް ގެންދާއި މި ޕްރޮމޯޝަންގެ ގުރުއަތުލުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު އެވެ. ސާޅީސް ފަސް ދުވަސް ވަންދެން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިއެއް ހޮވާ ގޮތަށް ކުރިއަށްދާ މިޕްރޮމޯޝަންގައި ނަސީބުވެރިއަކަށް ހޮވޭ މީހަކަށް ދެމީހަކަށް ފްރާންސަށް ދިއުމަށް ދެކޮޅު ޓިކެޓު ލިބެ އެވެ. އެހެންކަމުން މިޕްރޮމޯޝަނުގެ އެންމެ ހާއްސަ އިނާމަކީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗެއް ބަލާލުމަށް ފްރާންސަށް ދިއުމަށް ލިބޭ ދެކޮޅު ޓިކެޓެވެ.

މި ޕްރޮމޯޝަން ފައްޓަވައިދެއްވަމުން ރާއްޖޭގެ ކޮކާ ކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީ ވިދާޅުވީ ގުރުއަތުން ހޮވޭ ނަސީބުވެރިން ހަތަރު ދުވަހާއި ތިން ރޭ ޕެރިހުގައި ހޭދަ ކުރާނެ ކަމަށާއި އަދި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗު ބަލައިލުމުގެ އިތުރުން ޕެރިހުގެ އެކިއެކި ހިސާބުތައް ބަލާލަން ގެންދިއުމުގެ އިންތިޒާމު ވެސް ކޮކާ ކޯލާއިން ހަމަޖައްސައި ދޭނެ ކަމަށެވެ.

ފްރާންސަށް ދާ ނަސީބުވެރިންގެ ހުރިހާ ހަރަދެއްވެސް ބަލަަހައްޓަނީ ކޮކާކޯލަ ކުންފުނިން ކަމަށް މިލިންދް ދެރާސަރީ ވިދާޅުވި އެވެ.

މިއަދު ވަނީ މިދިޔަ ހަފްތާ އެސްއެމްއެސް ކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ޕެރިހަށް ދެވޭ ފުރަތަމަ ނަސީބުވެރިޔާ ހޮވައި އަދި އިތުރު އިނާމު ލިބޭ ދެ ނަސީބުވެރިންވެސް ހޮވާފަ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި 10 އޭޕްރިލް 2016 އިން ފެށިގެން ބާޒާރަށް ނެރެފައިވާ ކޯކްފުޅިއެއް ގަނެ ޔޫރޯ 2016ގެ ލޭބަލް ޖެހި ކޯކު ފުޅީގެ ހުދު މަތިގަނޑުގެ ދަށުގައިވާ ހާއްސަ ކޯޑު 2626 އަށް އެސްއެމްއެސް ކުރަންޖެހެ އެވެ.

ޕެރިހުގެ ދަތުރުގެ އިތުރުން ދެން ހޮވާ ދެ ނަސީބުވެރިންނަށް 32 އިންޗީގެ އެލްސީޑީ ޓީވީ އަކާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ އޮރިޖިނަލް ބޯޅައެއް ލިބޭނެ އެވެ.