ސަޕްލިމެންޓްރީ ބަޖެޓުގެ ގިނަ މަސައްކަތްތަކެއް ނިންމާލެވިފައިވާ ކަމަށާއި ރައްޔިތުންގެ މަޖލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށޭއިރު ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅޭނެ ކަމުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ވީނިއުސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިިނިސްޓަރު ޖިހާދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓްގެ ގިނަ މަސައްކަތްތަކެއް ނިމިފައިވިޔަސް ސަޕްލިމެންޓްރީ ބަޖެޓުގެ ޖުމްލަ އަދަދު މިވަގުތު ދަންނަވަން ދަތި ކަމަަށެވެ.

"މިހާރު ދެން މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިމެން މިއޮތީ ހަފްތާއެއްހާ ދުވަސް. އެހެންކަމުން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަންނަ ދައުރަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓަކީ ކޮންމެ އަހަރަކު ފާސްކުރާ ދައުލަތުގެ ބަޖެޓުގެ އިތުރަށް ފާސްކުރާ ބަޖެޓެކެވެ. އެހެންކަމުން މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވާ 27.45 ބިލިއަން ރުފިޔާގެ ބަޖެޓާއި އެކު ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމުން ދައުލަތުގެ މިއަހަރުގެ ޖުމްލަ ބަޖެޓް އާދަޔާ ހިލާފަށް ބޮޑުވެގެން ދާނެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް މިއަހަރުގެ ތެރޭގައި ހުށަހަޅަން ޖެހިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެންމެ ފުރަތަމަ އިއުލާންކުރެއްވީ 24 ނޮވެމްބަރު 2015 ގައެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓް އޭރު އޮތީ ފާސްކޮށްފަ އެވެ. ރައީސް އެދުވަހު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާނަމަ އެއީ މިއަހަރުގެ ބަޖެޓަށް ހުށަހެޅޭ އިސްލާހުތަކަކަށް ނުވެދާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެދުވަހު އެމަނިކުފާނު ދެއްވާފައެއް ނުވެ އެވެ. އޭގެ ފަހުން މިއަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ނ. ހޮޅުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވާނެކަން އިއުލާންކުރައްވާފަ އެވެ. ރައީސް އެދުވަހު ވިދާޅުވީ އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވާ މިންވަރަކަށް ބެލުމަށްފަހު އަދި ވަސީލަތްތައް ލިބޭ ގޮތަކަށް ބެލުމަށްފަހު މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށާއި މަޖިލީހުގެ މެންބަރުންނަށް އެ ވާހަކަ ކުރިން ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އެދުވަހު ވެސް ސަޕްލިމެންޓްރީ ބަޖެޓުގެ އިތުރު އެއްވެސް މައުލޫމާތެއް ރައީސް ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަަދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހާއްސަކޮށްފައިވަނީ ތަރައްގީގެ މަޝްރޫއުތަކަށް ކަަމަށެވެ. ނަމަވެސް މަޝްރޫއުތަކުގެ ތަފްސީލް މިނިސްޓަރު ދެއްވާފައެއް ނުވެ އެވެ. އެކަމަކު މިއަހަރުގެ ބަޖެޓްގައި ހިމަނާފައި ނެތް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރުން ދަނީ ހިންގަމުންނެވެ. އެހެންކަމުން ސަޕްލިމެންޓްރީ ބަޖެޓުގައި އިސްކަންދޭނީ މިމަޝްރޫއުތަކަށް ކަމަށް ބެލެވެ އެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ކުރިމަގު ފެންނަނީ ވަރަށް ރަނގަޅުކޮށް ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި ބޭރު ގައުމުތަކުންނާއި މާލީ އިދާރާތަކުން ހޯދަން ނިންމާފައިވާ ގިނަ ލޯންތަކެއް މިހާރު ހަަމަޖެހިގެންދާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ރައީސް ޔާމީން ކުރިން ވިދާޅުވެފައިވާ ގޮތަށް އެމަނިކުފާނުގެ މި ފަސް އަހަރުގެ ތެރޭގައި ބަޖެޓް ސާޕްލަސް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

"ސާޕްލަސް ބަޖެޓެއްގެ ވާހަކައަކީ ރައީސްގެ ވައުދެއް ދެއްތޯ. އެހެންވީމާ އެކަންވެސް ވާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ،" ޖިހާދު ވިދާޅުވި އެވެ.