އެމްޑަބްލިއުއެސްސީގެ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު ފައިދާއާއި އެކު އެކުންފުނީގެ މުވައްޒަފުންގެ ބޯނަސް 91 ޕަސަންޓް އިތުރުކުރުމަށް ނިންމައިފި އެވެ.

ފެން ކުންފުނީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ އެކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 963 މިލިއަން ރުފިޔާ ލިބުނުއިރު 2014 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 729 މިލިއަން ރުފިޔާ ކަމަށެވެ.

އާމްދަނީ އިތުރުވުމާ ގުޅިގެން އެމްޑަބްލިއުއެސްސީއަށް ލިބުނު ސާފު ފައިދާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ފެން ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 154 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މިދިޔަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ވަނީ 368 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 139 ޕަސަންޓް އިތުރު އަދަދެކެވެ.

ފަޒުލް ވިދާޅުވީ ކުންފުންޏަށް ބޮޑު އާމްދަނީއެއް ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށާއި އެކަމަށްޓަކައި މުވައްޒަފުންނަށް ހައްގު ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"މި ފައިދާ ލިބުމުން މުވައްޒަފުންނަށް މިދިޔަ އަހަރު ލިބުނު ބޯނަސް އިރާދުކުރެއްވިޔާ މާދަމާ ލިބޭނެ ބޯނަސް އިތުރު ވެގެންދާނެ،" ފަޒުލް ވިދާޅުވި އެވެ.