ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓް ހުޅުވަން ބޭނުންވާ ފަރާތްތަކަށް ކިއޫގައި ނުޖެހި އެކައުންޓް ހުޅުވޭނެ ގޮތް ހެދުމަށް ބީއެމްއެލް އިން ނިންމައިފި އެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އަލަށް ދޭން ފަށާ މިހިދުމަތަކީ ބޭންކުގެ ހިދުމަތްތައް ތަަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ބޭންކްގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނިގެން ކުރެވޭ ކަމެއް ކަމަށެވެ.

މި ހިދުމަތް ދިނުމަށް ބީއެމްއެލްގައި ވަކި މުވައްޒަފުންތަކަކާއި ވަކި ތަނެއް ހަމަޖައްސާފައިވާއިރު މިހިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ އާދިއްތަ ދުވަހު އެވެ. މި ހިދުމަތް އެ ދުވަހުން ފެށިގެން ބީއެމްއެލްގެ ހުރިހާ ބްރާންޗަކުން ލިބޭނެ ކަމުގައިވެސް ބީއެމްއެލް އިން ބުނެ އެވެ.

ޝަރީފް ވިދާޅުވީ މިހިދުމަތް ފެށުމުން ބީއެމްއެލްގައި އެކައުންޓް ހުޅުވަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ ނަންބަރު 3330200 އަށް ގުޅުމަށްފަހު އެކައުންޓް ހުޅުވަން ކަސްޓަމަރަށް ބޭންކަށް އާދެވޭނެ ފަސޭހަ ގަޑިއެއް ބުނުމުން ބީއެމްއެލްގެ މުވައްޒަފުން އެވަގުތަށް މަޑުކޮށްގެން ތިބޭނެ ކަމަށެވެ. އަދި އެކައުންޓް ހުޅުވުމަށް ބޭނުންވާ ލިޔުންތައް ގެނައުމުން ކިއޫގައި ނުޖެހި އެކައުންޓް ހުޅުވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ބޭންކިންގެ ހިދުމަތް ދެމުންގެންދާ ބީއެމްއެލްގެ 29 ބްރާންޗާއި، 76 އޭޓީއެމް އާއި 3200 ޕީއޯއެސް މާޗަންޓުންނާއި 177 ކޭޝް އޭޖެންޓުންނާއި 14 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން ފަސް ދޯނި ބޭންކިން ޔުނިޓް ހިދުމަތުގައި ބޭނުން ކުރެ އެވެ.

ބީއެމްއެލް އަކީ 260،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާ ބޭންކެކެވެ.