ކުރީގެ ސެންޓްރަލް ހޮޓެލް "ޗަންޕާ ސެންޓްރަލް ހޮޓެލް"ގެ ނަމުގައި މިއަދު އަލުން ހުޅުވައިފިއެވެ.
ބަންދުކޮށްފައި ހުންނަތާ ދުވަސް ތަކަކަށްފަހު މިއަދު އަލުން ހުޅުވާފައިވާއިރު، ޗަންޕާ ސެންޓްރަލް ހޮޓެލްގެ ޖެނަރަލްގ މެނޭޖާރ ތޯހާ ރަޝީދު ވީނުއުސް އަށް ވިދާޅުވީ ޗަންޕާ ސެންޓްރަލް ހޮޓެލް ނަމާއި އެއްވަރަށް ތަން ވެސް ބަދަލުވެފައިވާ ކަމަށެވެ.
އަދި ޒަމާނީ ފެންވަރުގެ ހަފުލާތައް ބޭއްވުމަށް ހާއްސަ ދެ ހޯލެއް ހުންނާނެ ކަމަށް ތޯހާ ވިދާޅުވިއެވެ.
މީގެ އިތުރަށް ރަގަޅު ފެންވަރަކަށް ހޮޓެލް ހަދައި، އަލުން ހުޅުވިގެން ދިއުމުން ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް އިތުރު ކުރިއެރުމެއް އަންނާނެ ގަބޫލުކުރެވޭ ކަމަށް ތޯހާ ވިދާޅުވިއެވެ.
ކުރޮއުން ކޮމްޕެނީ އާއި ޗަންޕާ އިން ތަރަށްގީކޮށް މި ހޮޓެލް ހިންގާއިރު މިއީ 3 ތަރީގެ ފެންވަރުގެ ހޮޓަލެކެވެ.
ދިވެހި ކެއުންތަކާއި،ބޭރުގެ ތަފާތު ކެއުންތައް ލިބޭނެ ކަމަށް މިހޮޓެލުން މައުލޫމާތުދެއެވެ.
މީގެއިތުރުން ބުފޭ ރެސްޓޯރެންޓްތަކާއި ކޮފީ ޝޮޕް އަދި ރޫފް ޓޮޕް ރެސްޓޯރެންޓެއް މި ހޮޓެލްގައި ހިމެނެއެވެ.
ޒަމާނީ ފެންވަރަށް ރާއްޖޭގައި އެޅި އެންމެ ފުރަތަމަ ސެންޓްރަލް ހޮޓެލް އެތައް އަހަރެއް ވަންދެން ހިންގުމަށްފަހު ހޮޓެލް ބަންދުކޮށްފައިވަނީ ޗަންޕާ ބްރަދާސްއަށް އެ ހޮޓެލް ވިއްކާލުމުންނެވެ.
ޗަންޕާ ބްރަދާސްއަށް އެ ހޮޓެލާއި ޖެހިގެން ދެކުނަށް އޮންނަ 1899 އަކަފޫޓުގެ ގޯއްޗާއި އެ ގޯތީގައި ކޮންކްރީޓްގެ މަސައްކަތް ނިންމާފައިވާ 10 ބުރީގެ އިމާރާތާ އެކު ވިއްކާލާފައިވަނީ 2012 ވަނަ އަހަރެވެ.