ޕެނަމާއަކީ ލެޓިން އެމެރިކާގެ ކުޑަކުޑަ ގައުމެކެވެ. ޕެނަމާއަކީ ގުދުރަތީ މާބޮޑު މުއްސަނދިކަމެއް ލިބިފައިވާ ގައުމެއް ނޫނެވެ. ޕެނަމާއަށް ޒަމާނުއްސުރެ އާމްދަނީ ލިބޭ ހަމައެކަނި މަގަކީ ޕެނަމާ ކަނޑުއޮޅިއެވެ. ޕެނަމާ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ ދުނިޔޭގެ އެތައް އެތައް އާގުބޯޓްފަހަރުން ލިބޭ އާމްދަނީއެވެ. ޖިއޮގްރަފީގޮތުން ޕެނަމާ އުފެދިފައި އޮތް ތަނުގެ ގޮތުން، ޕެނަމާ ކަނޑުއޮޅި ބޭނުންކުރުމަކީ މަޖުބޫރު ކަމަކަށް އޮންނަނީ ވެފައެވެ.
ޕެނަމާ ކަނޑުއޮޅި ދެގުނަ ބޮޑުކުރަން މީގެ ދިހަ އަހަރުކުރިން ފެށި މަޝްރޫއު ނިމި، މިއަހަރުގެ ޖޫންމަހު ހުޅުވުމުން، ޕެނަމާއަކީ ސިނާއީގޮތުންނާއި، ތަނަވަސްކަމުގެ ގޮތުން އެއްވަނަ ދުނިޔޭގެ ގައުމަކަށް ވެގެންދާނޭ ކަމަށް ޕެނަމާގެ ކުރީގެ ރައީސަކުވެސް ލަފާކުރައްވާފައި ވެއެވެ.
ޕެނަމާއިން ކުންފުޏެއް ގަތުމަކީ ނުވަތަ ކުންފުންޏެއް އުފެއްދުމަކީ ވަރަށް ކުޑަ ޚަރަދަކުން ކުރެވޭ ކަމެކެވެ. ވަރަށް ކުޑަކުޑަ ޓެކްސްއެއް ނުވަތަ އެއްވެސް ޓެކްސްއެއް ނުދައްކައިވެސް ޕެނަމާގައި ކުންފުޏެއް ގާއިމް ކުރެވެއެވެ. ކުންފުންޏެއް ރަޖިސްޓަރީ ކުރަން ބޭނުންވަނީ އެންމެ އެއްހާސް ޑޮލަރެވެ. އެފަދައިން އުފައްދާ ކުންފުންޏެއް، އެހެން ބަޔަކު ލައިގެން ނުވަތަ ސިއްރިއްޔާތުގައިވެސް ހިންގިދާނެއެވެ. މިކަމަށް މަގުފަހި ވެގެންދިޔައީ 1927 ވަނަ އަހަރު ޕެނަމާއިން ފާސްކުރި ކޯޕޮރޭޓް ގާނޫނުންނެވެ.
އެހެންކަމުން، ޓެކްސްއިން ރެކެންވެގެން ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި، ސިޔާސީ ލީޑަރުންނާއި، އެނޫންވެސް މަޝްހޫރު ތަރިން ތަފާތު ކުންފުނިތައް ހަދައި އެމީހުންގެ ފައިސާ ފޮރުވާ ތަނަކަށް ޕެނަމާ އޮތީ ވެފައެވެ. މަސްތުވާތަކެތި ވިއްކައިގެން ލިބޭ ފައިސާއާއި، ވަގަށް ހަތިޔާރު ވިއްކައިގެންނާއި، ދުނިޔޭގައި ކުރެވޭ މިބާވަތުގެ ވަގު ވިޔަފާރިން ލިބޭ ކަޅުފައިސާ ފޮރުވާ ތަނަކަށްވެސް ޕެނަމާ ވެއެވެ.
އެބޭނުމުގައި ވިޔަސް، އެނޫން ބޭނުމެއްގައި ވިޔަސް، ޕެނަމާގައި ކުންފުންޏެއް އުފެއްދުމަށް އެހީތެރިވެދޭ އެންމެ މަޝްހޫރު ބަޔަކީ ޕެނަމާގެ ލޯފާރމެއް ކަމަށްވާ "މޯސެކް ފޮންސޭކާ" އެވެ. ބުނެވޭގޮތުން މިއީ ޕެނަމާގެ އެންމެ ބޮޑު ލޯފާރމެވެ. ކުންފުންޏެއް އުފައްދަން ބޭނުންވާ ބަޔަކަށް އިމާރާތް ދިނުމާއި، މެއިލްބޮކްސްއާއި، ބޭންކް އެކައުންޓްވެސް ހަދައިދެނީ މި ލޯފާރމުންނެވެ. އަދި އާންމުންނަށް ފެންނަންތިބޭ ކުންފުނީގެ ޑިރެކްޓަރުންވެސް އެމީހުން ފޯރުވައި ދެއެވެ. ކުންފުނީގެ އަސްލު މަސްއޫލުވެރިން ތިބެނީ ސިއްރު ކުރެވިފައެވެ. އަހަރެއްގެ މައްޗަށް ވިއްސަކަށްހާސް ކުންފުނި "މޯސެކް ފޮންސޭކާ" އިން އުފައްދައި ދެއެވެ.
"މޯސެކް ފޮންސޭކާ" ގައި 500 އަށްވުރެ ގިނަ މުވައްޒަފުން ތިބޭއިރު، އެ ލޯފާރމްގެ ގޮފިތަކުގެ ވިއުގައެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ހިނގަމުންދެއެވެ.
ކަންކަން ނުހަނު އޮމާންކޮށް ހިނގަމުން، ޕެނަމާ ކަނޑުއޮޅި ފިޔަވައި، ޕެނަމާއަށް މިކަމުންވެސް ބޮޑު އާމްދަނީއެއް ލިބެމުންދަނިކޮށް ހުރިހާކަމެއް ގޯހުން ގޯހަށް ދިޔައީ "މޯސެކް ފޮންސޭކާ" ގެ 11.5 މިލިއަން ސިއްރު ލިޔެކިއުންތައް ޖަރުމަނުވިލާތުގެ ދެ ނޫސްވެރިއެއްގެ އަތުގައި ޖެހުނު ހިސާބުންނެވެ. އެއާއެކު "ޕެނަމާ ޕޭޕާރސް" ގެ ނަމުގައި އެހުރިހާ ލިޔެކިއުންތަކެއް ހާމަކުރަން ފެށުމާއެކު ދުނިޔޭގެ އެތައް ބަޔަކު ހިންގަމުންދިޔަ ކަޅު ވިޔަފާރި ފަޅާއަރައި، އެތައްބަޔަކު "އޮރިޔާން" ވެއްޖެއެވެ.
ޗައިނާގެ ސިޔާސީ ލީޑަރުން ފެށިގެން، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންގެ ގާތް ރަހްމަތްތެރި ވިޔަފާރިވެރިޔަކާއި، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާއި، މަޝްހޫރު ފުޓްބޯޅަ ތަރި ލަޔޮނަލް މެސީވެސް މިކަމުގައި ބައިވެރިވާކަން ވަނީ ފަޅާއަރާފައެވެ. އައިސްލޭންޑްގެ ރައީސް މިމައްސަލާގައި އިސްތިއުފާ ދެއްވާފައިވާއިރު، އާޖެންޓީނާގެ ރައީސްއަށް ވިދާޅުވެވުނީ "އަޅުގަނޑު އެއްވެސް އެއްޗެއް ފޮރުވާކަށް ނެތިން" މިހެންނެވެ.
"ޕެނަމާ ޕޭޕާރސް" މައްސަލަތައް ފަޅާއެރުމާ ގުޅިގެން ޕެނަމާ މިހާރު އޮތީ ހޫނުފެނުގައެވެ. ޕެނަމާއާއި ދެކޮޅަށް ފިޔަވަޅު އަޅާނޭކަމަށް ދުނިޔެއިން އިންޒާރުދެމުން ގެންދާއިރު، ޕެނަމާގެ ސަރުކާރު މިހާރު އޮތީ ގޮތްހުސްވެ ހަދާނެގޮތް ނޭނގޭ ހާލަތުގައެވެ. މައްސަލައިން ރެކެވޭނެ ގޮތެއްވެސް ނެތެވެ.
"މޯސެކް ފޮންސޭކާ" އިން ކުރަމުންދިޔަ ކަމެއް ނަމަވެސް، ސިއްރު މައުލޫމާތު ލީކް ކޮށްލަން ބޭނުންކޮށްފައިވަނީ ޕެނަމާގެ ނަމެވެ. "ޕެނަމާ ޕޭޕަރސް" އެވެ.
--
ނޯޓް: މަތީގައި އެވަނީ، މި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ނުކުތް "ވީކްލީ" 120 ވަނަ އަދަދުގައި ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ.