ހިރިޔާ ސުކޫލުގެ ހިންގުން އިސްކަންދަރު ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ރިންޒީ ވަހީދުއާއި ހަވާލުކޮށްފި އެވެ.

ހިރިޔާ ސުކޫލުގެ ހިންގުން އެހެން ސުކޫލެއްގެ ޑެޕިއުޓީ ޕްރިންސިޕަލަކާއި ހަވާލުކޮށްފައި މިވަނީ ހިރިޔާ ސުކޫލުގައި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ތިއްބަވަނިކޮށެވެ.

ސުކޫލެއްގެ ޕްރިންސިޕަލެއްގެ މައްސަލައެއް ބަލާނަމަ އެޑިޔުކޭޝަނުން އާންމު ގޮތެއްގައި އެ ސުކޫލެއްގެ ހިންގުން ހަވާލުކުރަނީ ޕްރިންސިޕަލްގެ ދަށުން އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވީނިއުސް އަށް ވިދާޅުވީ ރިންޒީއާ ހިރިޔާ ސުކޫލު ހަވާލުކުރީ ސުކޫލުތަކުގެ އިސްވެރިން ހަމަޖެއްސުމަކީ މިނިސްޓްރީގެ ޒިންމާއަކަށް ވާތީ އެ އުސޫލުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރިންޒީ ހިރިޔާ ސުކޫލު ވަގުތީ ގޮތުން ހިންގާނީ އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

"ހިރިޔާ ސުކޫލު ހިންގުން އެހެން ސުކޫލެއްގެ އިސްވެރިޔަކާ ހަވާލުކުރީ ހިރިޔާގެ އިސް މެނޭޖްމަންޓުގައި މައްސަލައެއް އުޅޭތީއެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

ހިރިޔާ ސުކޫލުގެ ޕްރިންސިޕަލް އިސްމާއީލް މަސްރޫފް މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރީ ޖިންސީ އަމަލަށް މަގުފަހިވާ ގޮތަށް ހިރިޔާ ސުކޫލުގެ ދަރިވަރަކާ ވާހަކަދެއްކި ކަމަށް ބުނެ ދަރިވަރުގެ ބެލެނިވެރިން ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. ނަމަވެސް މަސްރޫފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަންގައިގެން ފުލުހުން މިހާރު ވަނީ މަސްރޫފް ދޫކޮށްލާފަ އެވެ.

މިމައްސަލައާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މަސްރޫފް އެއްމަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.

ވީނިއުސްއަށް މީގެ ކުރިން ދެއްވި އިންޓަވިއުއްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން މުހައްމަދު ވިދާޅުވީ ހިރިޔާ ސުކޫލްގެ ޕްރިންސިޕަލް ހައްޔަރުކުރުމާއި ގުޅިގެން ހިރިޔާ ސުކޫލް ހިންގުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާއި، ސުކޫލްގެ މާހައުލު ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ގެންދާ ކަމަށެވެ. އަދި ހިރިޔާ ސުކޫލްގެ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް މިނިސްޓްރީން އަޅާނެ ކަމަށާ ކޮންމެ ސުކޫލަކީވެސް ދަރިވަރުންނަށް ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ލިބޭ ތަނެއްކަން މިނިސްޓްރީން ކަށަވަރު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މަސްރޫފަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި ގިނަ ބައެއްގެ އިތުބާރުވެސް ހޯދާފައިވާ ބޭފުޅެކެވެ.