ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ބައިވެރިކުރުމަށް ސަރުކާރުން އެއްބަސްވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ޕާޓީތަކުގެ މަޝްވަރާއަށް ކަނޑައަޅުއްވާފައިވާ އިސް މަންދޫބު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިކަން ހާމަކުރެއްވީ ޕާޓީގެ މަޝްވަރާގެ މެދުވެރިއަކަށް ކަނޑައަޅުއްވާފައިވާ އދ.ގެ މަންދޫބު ޓަމްރަޓް ސެމިއުލާ ހިމެނޭގޮތަށް ބޭރުގެ ފަސް މަންދޫބަކާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޑރ ޝައިނީ ވިދާޅުވީ މިކަމަށް ސަރުކާރުން ދެކޮޅު ނުހަދާ ކަމަށާއި ޖަލަށް ގޮސްގެންވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޝައިޚް އިމްރާނާއި ބައްދަލުކޮށް މަޝްވަރާ ކުރަން ތައްޔާރު ކަމުގައެވެ.
އަދި މިރޭގެ ވަގުތެއްގައި ރައީސް ނަޝީދާއި ޝައިޚް އިމްރާނު މަޝްވަރާއަށް ވަޑައިގަތުމުގެ ދައުވަތު ދެއްވާނެ ކަމަށް ވެސް ޑރ ޝައިނީ ވިދާޅުވި އެވެ. މަޝްވަރާތަކުގައި ބައިވެރިވާން ބޭނުންފުޅުވާނަމަ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަން ޖެހޭނެ ކަމުގައި ވެސް ޑރ ޝައިނީ ވަނީ ވިދާޅުވެފައެވެ.
ޑރ ޝައިނީ އިތުރަށް ވިދާޅުވީ މިކަމަކީ ސަރުކާރުގެ އިޚުލާސްތެރިކަން އޮތްކަން ހާމަކުރުމުގެ ގޮތުން ދެވޭ ދޫތަކެއް ކަމަށާއި އެހެންކަމުން އިދިކޮޅު ފަރާތްތަކުން ވެސް ދޫދީގެން މަޝްވަރާކޮށް ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.