ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައުސިންގ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ 15,000 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމިގެންދާއިރު އާބާދީގެ ފަސް ބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެއްގެ ރައްޔިތުން ގެދޮރުވެރި ކުރެވިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ގެދޮރުވެރިކުރުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިރެޔަކީ އިޖްތިމާއީ ގިނަ މައްސަލަތަކަކަށް ހައްލުތަކެއް އަތުވެދާނެ ކަމުގެ އުންމީދީ ސިގްނަލްތަކެއް ލިއްބައިދޭ ފަދަ އުފާވެރި ހަބަރުތަކެއް ލިބިގެންދިޔަ ރެއެއް ކަމަށެވެ. އަދި ގެދޮރުވެރިކުރުވުމުގެ މި މަޝްރޫއުއަކީ ހާއްސަކޮށް ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ ޒުވާނުންނާއި އަދި ޒަވާޖީ ހަޔާތެއް ފެށުމަށް ތައްޔާރުވަމުންދާ ޒުވާނުންނަށް އަމާޒުކޮށްގެން، އެހެން އުމުރުފުރައިގެ، އެހެން ގިންތިތަކުގެ މީހުން މަހްރޫމްނުވާނޭ ފަދަ ގޮތަކަށް ރޭވިގެން ހިންގާ ބޯހިޔާވަހިކުރުވުމުގެ މަޝްރޫޢެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި 15,000 ހައުސިންގ ޔުނިޓް ނިމުމުގެ ކުރިން މި މަޝްރޫއުގެ އެހެން ބުރެއް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި މާލެ ސަރަޙައްދުގައި މި އިމާރާތްކުރެވޭ ހައުސިންގ ޔުނިޓްތަކަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.