މާލޭގައި ގޯތި އިމާރާތް ކުރުމުގެ މާލީ ތަނަވަސްކަން ނެތް މީހުންނަށް "މާލޭ ލޯން ޕްރޮގްރާމް"ގެ ނަމުގައި ހާއްސަ ލޯން ސްކީމެއް އިފްތިތާހްކޮށްފިއެވެ.

"ގެދޮރުވެރިކުރުން" ނަމުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ލޯން ސްކީމް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ލޯނަކީ ސަރުކާރުގެ ގެދޮރުވެރިކަމުގެ ވައުދުގެ ދަށުން ގެދޮރުން އިތުރު ތަނަވަސްކަން ހޯދައި ދިނުމަށް ކުރާ މަސައްކަތުގެ ދަށުން ތައާރަފް ކުރި ލޯން ސްކީމެއް ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، މާލޭގައި އެކަށީގެންވާ ބޯހިޔާވަހިކަން ލިބިފައިވާ ނެތް އާއިލާތަކަށް އެ ފަރާތްތަކަށް ލިބިފައިވާ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލީ ތަނަވަސްކަން ނެތުމާއި ގެދޮރު އިމާރާތް ކުރުމަށް ލޯން ނުވަތަ ފައިސާ ލިބޭނެ ގޮތް ހަނިވުން ކަމަށެވެ.

އެގޮތުން، މިރޭ އިފްތިތާހު ކުރި ސްކީމް ހާއްސަކޮށްފައި ވަނީ ޒަވާޖީ ހަޔާތެއް ފަށައި ދިރިއުޅުމެއް ފަށަން ބޭނުންވެފައި ތިބި ޒުވާނުންނަށް ކަމަށް ވަނީ ބުނެފައެވެ.

މާލޭ ލޯން ޕްރޮގްރާމް ސްކީމުގެ ދަށުން ހައުސިން މިނިސްޓްރީއިން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ގެދޮރު އިމާރާތްކުރުމަށްދާ ހަރަދުގެ 20 އިންސައްތަ ލުއި ލޯނުގެ ގޮތުގައި އެކަމަށް އެދޭ ފަރާތްތަކަށް ލިބޭނެއެވެ.