ރާއްޖޭގެ ނޫސްވެރިންނާ މީޑިއާ ހައުސްތަކަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ސްރީލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާ ހިއްސާކޮށްފި އެވެ.
ރާއްޖޭގެ ނޫސްވެރިންގެ ފަރާތުން ލަންކާގައި މިމަސައްކަތް ކުރަނީ މޯލްޑިވްސް އިންޑިޕެންޑެންޓުގެ ޒަހީނާ ރަޝީދާއި ރާއްޖެ ޓީވީގެ މުހައްމަދު ޖުނައިދުގެ އިތުރުން ހަވީރު ނޫހުގެ އަލީ ނާފިޡު އެވެ.
މި ތިން ނޫސްވެރިން މިއަދު ވަނީ ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރާއި ޖަރުމަންގެ ސަފީރާއި ޔޫރަޕިއަން ޔޫނިއަން މިޝަންގެ އެންބެސެޑަރުންނާ ކެނެޑާގެ ސަފީރާއި އޮސްޓްރޭލިއާ ސަފީރުގެ އިތުރުން ސްވިޒެލެންޑް، ނެދަލެންޑްސް، ޖަޕާން، އިޓަލީ، ފްރާންސް އަދި ނޯވޭގެ އިސް ޑިޕްލޮމެޓުންނާ ވެސް ބައްދަލުކޮށްފަ އެވެ.
ސްރީލަންކާގައި ހުންނަ އީޔޫ މިޝަންގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ރާއްޖޭގެ ނޫސްވެރިންނާ މީޑިއާ ހައުސްތަކަށް މިހާރު ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ބިލް"ގައި ހުރި ކަންބޮޑުވުންތަކާއި ނޫސްވެރިންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ މައްސަލަތަކާއި ބެހޭ މައުލުމާތު ހިއްސާކޮށްފަ އެވެ.
މީގެއިތުރުން ދުވަހު ނޫސް ހަވީރަށް ދިމާވެފައިވާ މައްސަލަތަކާއި ނޫސްވެރިންނަށް ލިބެމުންދާ އިންޒާރުތަކާއި އަދި ސަރުކާރުގެ ބައެއް އޮފީސް ތަކުން ނޫސްވެރިންނާއި މީޑިއާ ހައުސްތައް ތަފާތު ކުރާ މައްސަލައާއި ޝަރުއީ ބައެއް ކޯޓް ތަކަށް ނޫސްވެރިން ނުވައްދާ މައްސަލަ ވެސް ބޭރުގެ ޑިޕްލޮމެޓުންގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.