ރާއްޖޭގެ ނޫސްވެރިންގެ ފަރާތުން ދިވެހި ނޫސްވެރިންތަކެއް ސްރީލަންކާއަށް ގޮސް ބޭރުގެ ޑިޕްލޮމެޓުންނަށް ރާއްޖޭގެ ނޫސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތައް އޮޅުން ފިލުވައިދިނުމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ނޫސްވެރިންތަކެއް ލަންކާއަށް ގޮސް ބޭރުގެ ޑިޕްލޮމެންޓުން ބައްދަލުކުރައްވާ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތޭ ބުނެ މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ނޫސްވެރިންނަށް ނެތީ ކޮން މިނިވަންކަމެއްތޯ ވިދާޅުވެ ރައީސް ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި ނޫސްވެރިން އެމީހުންގެ މަސައްކަތުގައި މިނިވަންކަމެއް ނެތް ކަމަށް ބުނެ ވާހަކަ ދައްކަނީ މިނިވަންކަން ނެތިގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތުން ކުރާ ކަންކަމާ ގުޅޭގޮތުން "އޭފޯ ވިޔަސް ނުވަތަ އޭތްރީ ކަރުދާހެއްގައި ވިޔަސް" ނޫސްވެރިން ޖަހަން ބޭނުން އެއްޗެއް "އަރިހުރަހަށް ޖަހަންވީ" ކަމަށާއި އެކަމަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ. އެކަމަކު ދައުލަތުގެ މުއައްސަސާއެއްގެ އަބުރު ނަގާލަން ފުރުސަތު ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮން މިނިވަންކަމެއް ނެތިގެންތޯ މިއުޅެނީ. މި މިނިވަންކަމަކީ މީހުންގެ އަބުރު ނަގާލަން ހުއްޓުވަން ކުރާ މަސައްކަތްތޯ. އެއީތޯ މިނިވަންކަން ނެތުމަކީ. ނޫހެއްގަ ޖަހާނެ ވަރަކަށް ދައުލަތުގެ ކަންކަމާ ބެހޭ ގޮތުން ވާހަކަތައް ޖަހަންވީ. އެކަމަކު ދައުލަތުގެ މުއައްސަސާއެއްގެ އަބުރެއް ނަގައެއް ނުލެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ގައުމެއްގެ ދާހިލީ އަދި އަމިއްލަ ކަންކަން ހުންނާނެ ކަމަށެވެ. އަދި ދިވެހިންނަކީ ދިވެހިންގެ ކަންކަން އަމިއްލައަަށް ނިންމޭ ވަރުގެ ވިސްނުމާ ގާބިލްކަން ލިބިގެންވާ ބައެއް ކަމަށްވެސް ވިދާޅުވި އެވެ.

ލަންކާގައި މިވަގުތު ތިބި ދިވެހި ތިން ނޫސްވެރިޔަކު ވަނީ ލަންކާގައި ހުންނަ އީޔޫ މިޝަން އޮފީހުގައި ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށް ރާއްޖޭގެ މީޑިއާއަށް ކުރިމަތިވެފައި ހުރަސްތަކުގެ މައުލޫމާތާއި ހަވީރު ނޫހަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ބިލް"ގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.