ފްރާންސްގެ ޕެރިހުގައި މިދިޔަ އަހަރު ބޭއްވި "ކޮޕް 21″ ސަމިޓްގައި ގައުމުތަކުން އެެކުލަވާލި "ޕެރިސް އެގްރީމެންޓް"ގައި ސޮއި ކުރެއްވުމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

ޕެރިސް އެގްރިމަންޓަކީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ ސަބަބުތައް ކުޑަކުރުމަށާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ގައުމު ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2020 އަހަރުގެ ނިޔަލަށް ގައުމުތަކުން ކަންތައްތަކެއް ކުރުމަށް އެއްބަސްވެ އެކުލަވާލާފައިވާ ތިމާވެށީގެ މުހިއްމު އެއްބަސްވުމެކެވެ.

ފުރާވަޑައިގަތުމުގެ ކުރިން މިއަދު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މި އެއްބަސްވުން ތަންފީޒުކުރުމަށް މަދުވެގެން 55 ގައުމެއް ބައިވެރިވުން އޮންނަން ޖެހޭ ކަމަށެވެ. އަދި ގައުމުތަކުން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ 55 އިންސައްތަ ހިއްސާކުރާ މިންވަރަށް މި އެއްބަސްވުމުގައި ގައުމުތަކުގެ ބައިވެރިވުން އޮންނަންޖެހޭ ކަަމަށްވެސް ވިދާޅުވި އެވެ.

"މިކަމަށް އެއްބާރުލުން ދިނުމަށްޓަކައި ރާއްޖެއިން ވާނީ އެއްވެސް ޝަރުތަކާ ނުލައި ރާއްޖެއިން ބޭރުކުރާ ގްރީންހައުސް ގޭހުގެ މިންވަރު 10 އިންސައްތަ ދަށްކުރުމަށް ހުށަހަޅާފައި. އަދި އިތުރު އެހީ ގައުމުތަކުން ލިބިއްޖެނަމަ 24 އިންސައްތަ އަށް މި އަދަދު ދަށް ކުރުމަށް ވެސް ވަނީ ރާއްޖެއިން ވާނީ ހުށަހަޅާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިއެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ ހުކުރު ދުވަހު ނިއުޔޯކްގަ އެވެ. މިރަސްމިއްޔާތުގައި ދުނިޔޭގެ ގިނަ ގައުމުތަކަކަކުން ބައިވެރިވާ ގޮތަށް ހަަމަޖެހިފައިވީ ނަމަވެސް މިރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ޖުމުލަ އަދަދު އަދި ޔަގީންވެފައެއް ނުވެ އެވެ. ނަމަވެސް މިނިސްޓަރު ތޯރިގު ވިދާޅުވީ މިއެއްބަސްވުމުގައި 100 އެއްހާ ގައުމުން ސޮއިކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.