ލ. މުންޑޫ އަންހެނުންތަކެއް ނިކުމެ އެރަށު ސިއްހީ މަރުކަޒު ބަންދުކޮށް މުޒާހަރާކުރަން ފަށައިފި އެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން މުންޑޫ ކައުންސިލްގެ ރައީސް އިބްރާހީމް ނައީމް ވިދާޅުވީ މިއަދު ހެނދުނު 8:00 ޖަހާ އެހާއިރު މުންޑޫ ސިއްހީ މަރުކަޒު ބަންދުކުރީ ރަށުގެ އަންހެނުން ނިކުމެ ކަމަށާއި މިކަމުގައި ފިރިހެނުންގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

ނައީމް ވިދާޅުވީ މުންޑޫ ސިއްހީ މަރުކަޒު ބަންދުކުރީ އެތަނުގެ ހާލަތު ދުވަހެއް ދުވަހަށް ދަށަށް ގޮސް ހިދުމަތް ނުދެވޭ ވަރަށް ކަންކަން ގޯސްވުމުން ކަމަށް ރަށުގެ އަންހެން ކަނބަލުން ދައްކާ ވާހަކައިން އިނގޭ ކަމަށެވެ.

"ރައްޔިތުން އެ ދައްކާ ވާހަކައަށް އަޅުގަނޑަށް ތާއީދު ކުރެވޭ. ސިއްހީ މަރުކަޒުގައި ކުދިން ކިރާލާނެ ވަސީލަތެއް ނެތް. ޑޮކްޓަރު ބޭނުންކޮށްލާނެ ކަށިގަނޑެއް ނެތް. ލިޔެކިޔުމަށް އިދާރީ ބޭނުމަށް ބޭނުންކުރާނެ އެއްވެސް އެއްޗެއް ނެތް. މިތަނުގައި އެއްވެސް ފަންކާއެއް އެބުރެނީކީ ނޫން. ދޮރުތައް ހަލާކުވެ ބުޅާ މީދާ ތަނަށް ވަންނަނީ. ސިއްހީ މަރުކަޒުގައި ފެން ލިބޭނެ އެއްވެސް ގޮތެއް ނެތް. މިވަރުވީމާ ދެން ރައްޔިތުން ނިކުންނާނެ ދެއްތޯ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުންޑޫ ސިއްހީ މަރުކަޒުގެ ހާލަތު ދަށްވެގެން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަމުންދާތާ އަށް އަހަރު ވެއްޖެ ކަމަށެވެ. ނަމަވެސް މައްސަލައަށް އެދެވޭ ހައްލެއް ލިބިފައި ނެތް ކަން ފާހަގަކުރައްވާ ނައީމް ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ރަށު ކައުންސިލްގެ މެންބަރުން ހެލްތް މިިނިސްޓަރު އިރުތިޝާމް އާދަމާ ބައްދަލުކުރައްވާ މައްސަލަތައް މިނިސްޓަރުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށެެވެ. އަދި އެބައްދަލުވުމުގައި ހަފްތާއެއްގެ ތެރޭގައި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް އަމަލީ ސިފައެއް އައިސްފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.