ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި މިބިލް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މިބިލް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުންނެވެ. މިބިލަށް ވަކިގޮތަކަށް ވޯޓް ނުދެއްވާ ހަތަރު މެންބަރަކު އިންނެވި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިބިލް ހުށަހެޅުއްވީ ޕީޕީއެމްގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން އެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ.

ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެއްވީ ކޮމިޓީ މަރުހަލާގައި ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެވެ.