ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އެވެ.

މިބިލް ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ވޯޓް ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މިބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލް މިއަދު ފާސްވުމުން މިބިލް ތަސްދީގުވެ އަމަލުކުރަން ފެށުމުން ނެޝަނަލް ޕޭ ކޮމިޝަންގައި ނަމުގައި ކޮމިޝަނެއް އުފެދޭނެ އެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މިކޮމިޝަން އެކުލެވިގެން ވަނީ އެ ވަގުތަކު ހުންނަވާ ފިނޭންސް މިނިސްޓަރު ހިމެނޭ ގޮތަށެވެ. ބާކީ ތިއްބަވާ ހަތަރު ބޭފުޅުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. ޕާޓްޓައިމް މެންބަރުން ހިމެނޭ މި ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރެވެ. ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅާގެ ހައިސިއްޔަތުން ކޮމިޝަންގެ ރައީސް އަކީ ފިނޭންސް މިނިސްޓަރެވެ. ކޮމިޝަންގެ މެންބަރުންގެ ތެރެއިން ނައިބް ރައީސް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ކޮމިޝަންގެ މެންބަރުންގެ މުސާރަ ވެސް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލްގައި ބުނެފައިވަނީ ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި، މުސާރައިގެ ކުރިއެރުން ދިނުމާއި، ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމީހުންނަށް ދެވިދާނެ އިނާޔަތްތަކާއި، ވަޒީފާ އިން ނުވަތަ މެމްބަރުކަމުން ވަކިވެގެންދާއިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެއް ކަމަށެވެ. ނަމަވެސް ޕޭކޮމިޝަނުން މުސާރަ ކަނޑައަޅުއްވާ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅަކާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ޝަރުއީ ދާއިރާގެ ބޭފުޅުން ހިމެނިފައެއް ނުވެ އެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގައި ކޮންސިއުމާ ޕްރައިސް އިންޑެކްސްއާ ވަޒަން ހަމަ ކުރާ މުސާރައެއް ކަނޑައަޅަން ވަނީ ލާޒިމްކޮށްފައެވެ. އަދި އިންފްލޭޝަނަށް އިންޑެކްސް ކުރެވޭ މުސާރައަކަށް ދައުލަތުގެ މުސާރަ ވާން ޖެހޭނެ ކަމަށާއި މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ހިފަހައްޓައިދޭ އަދި މަތިކޮށްދިނުމަށް އެހީތެރިވެދޭ މުސާރައަކަށްވާން ޖެހޭނެ ކަމަށް ބިލްގަ ބުނެފައިވެއެވެ. ދިރިއުޅެން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތްކުރާ މީހުންނަށް ދެވޭ އިނާޔަތަތްތަކަކީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްވަރު ލިބޭ އިނާޔަތަކަށް ވާންޖެހޭނެ ކަމަށްވެސް ބިލްގައިވެ އެވެ.

މީގެ އިތުރުން ދައުލަތަށް ލިބިދޭ އާމްދަނީ އަށް ބަލާ މުޅި ދައުލަތުގެ މުވައްޒަފުންނަށް ކަނޑައަޅާ މުސާރައަކީ އިޖުތިމާއީ އަދި އިގްތިސޯދީ އަދާލަތުގެ މިންގަނޑަށް ފެތިގެން ގައުމުގެ މުއްސަނދިކަން ވީހާ ވެސް ގިނަ ފަރާތްތަކަކަށް ބެހިގެންދާ ގޮތަށް ކަނޑައެޅޭ މުސާރައަކަށްވާން ޖެހޭނެ ކަމަށް ބިލްގައި ބުނެ އެވެ.