ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް ރާއްޖެ ވަޑައިގަތުމަށް ދީފައިވާ މުއްދަތު ހަަމަވުމުން އެ ދެ ބޭފުޅުން ރާއްޖެ ގެނައުމުގެ މަސައްކަތް ގާނޫނީ އިމުގެ ތެރެއިން ފަށާނެ ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ހަސަން އަލީ ވިދާޅުވީ ދެ ނާޒިމަށް ރާއްޖެ ވަޑައިގަތުމަށް އެންގުމުން ކާނަލް ނާޒިމް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އޭނާގެ އާއިލާ އިން ކަރެކްޝަންސް އަށް އަންގާފައިވާ ކަމަށެެވެ.

"އެހެންކަމުން އަޅުގަނޑުމެން މިބަލަނީ ކާނަލް ނާޒިމް މާދަމާ މާލެ އަންނާނެ ކަމަށް. އަޅުގަނޑުމެން ބަލަނީ އަންނާނެ ކަމަށް ބުނީމާ އަންނާނެ ކަމަށް،" ހަސަން އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ވަޑައިގަތުމަށް ވަކި މުއްދަތެއް ދިނުމުން މެންބަރު ނާޒިމްގެ ފަރާތުން ކަރެކްޝަންސް އަށް އެއްވެސް އެއްޗެއް އަންގާފައި ނެތް ކަމަށެވެ. މެންބަރު ނާޒިމް ސިންގަޕޫރުން އެހެން ގައުމަކަށް ވަޑައިގެންފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ހަސަން އަލީ ވިދާޅުވީ ސަރުކާރުގެ އެއްވެސް ރަސްމީ އިދާރާއަކުން ކަރެކްޝަންސް އަށް އެފަދަ މައުލޫމާތެއް ހިއްސާކޮށްފައި ނެތް ކަމަށެވެ.

"ވީމާ އަޅުގަނޑުމެން މިބަލަނީ ނާޒިމް އަދިވެސް ސިންގަޕޫރުގައި ހުންނެވި ކަމަށް،" ހަސަން އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭސް ފަރުވާއަށް ވަކި މުއްދަތަކަށް ރާއްޖެއިން ބޭރަށް ފޮނުވާ ގައިދީން މުއްދަތު ހަމަވުމުން ރާއްޖެ ނައިސްފިނަމަ އަޅާނެ ފިޔަވަޅުތަކެއް ހުންނަ ކަމަށާއި ގަވައިދާ ހިލާފުވާ ފަރާތްތަކުން ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު ކަރެކްޝަންސް އިން ފިޔަވަޅު އަޅާނެ ކަމަށެެވެ. ނަމަވެސް މިވަގުތު ރާއްޖެއިން ބޭރުގައި ތިއްބެވި ދެ ނާޒިމަށް ފިޔަވަޅު އަޅާނެ ކަމަކަށް ހަސަން އަލީ ވިދާޅުވެފައެއް ނުވެ އެވެ.

ކާނަލް ނާޒިމާ މެންބަރު ނާޒިމް ރާއްޖެ ވަޑައިގަތުމަށް 48 ގަޑިއިރުގެ ވަގުތެއް ދިނުމަށްފަހު އެ ދެ ބޭފުޅުން ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަންސް އިން އެންގީ މިދިޔަ ހޯމަ ދުވަހު އެވެ. މި ދެ ބޭފުޅުންނަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަަމަވާނެ އެވެ.

ބޭސް ފަރުވާއަށް ކާނަލް ނާޒިމް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހުގެ ރެ އެވެ. ބޭސް ފަރުވާއަށް މެންބަރު ނާޒިމް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރެ އެވެ.

ބޭސްފަރުވާގެ ކަންކަން ހަމަޖައްސަން ކާނަލް ނާޒިމަށް ދިނީ 21 ދުވަހެވެ. މެންބަރު ނާޒިމަށް އެންމެ ފުރަތަމަ ދިނީ 14 ދުވަހެވެ. ނަމަވެސް އޭނާ އެދިގެން ދެ ފަހަރަށް މުއްދަތު އިތުރުކޮށްދީފައިވެ އެވެ. އެންމެފަހުން އިތުރުކޮށްދިން މުއްދަތު ވަނީ މިދިޔަ މާޗް މަހުގެ ނިޔަލަށް ހަމަވެފަ އެވެ.

މެންބަރު ނާޒިމް އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. މިހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ މާޗް މަހުގެ 15 ވަަނަ ދުވަހު އެވެ.