ބަންދުގައި ބެހެއްޓި ނަމަވެސް މައްސަލައެއް ނެތް ކަމަށާއި ނަަމަވެސް ބަންދުގައި ބަހައްޓަންވާނީ ސިއްހީ ގޮތުން ރައްކާތެރިތަނެއްގައި ކަމަށް އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާން ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.

ނިހާން ވިދާޅުވީ ބަންދުގައި ބެހެއްޓުމަކުން އޭނާގެ މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ނިދަން ދެނީ ދެ އިންޗި ބޯމިން ހުންނަ ވަރުގެ ތަރަފާލުކޮޅެއް ކަމަށެވެ. އެކަމާ ގުޅިގެން މިއަދު އޭނާގެ މައިބަދައަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ ފަރުވާ ހޯދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އޭނާ ބަހައްޓާފައި ހުރި ޖަލުގޮޅި ހޫނުގަދަ ކަމުން ހަމުގެ މައްސަލަތަކެއް ވެސް އޭނާއަށް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން އެކަމަށްވެސް ފަރުވާ ހޯދަމުންދާ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ނިހާންގެ ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވީ ބަންދުގައި ތިބޭ މީހުން ކޮންމެ 24 ގަޑިއިރަކުން އެއްގަޑިއިރު ބޭރަށް ނެރުމަށް އޮންނަ ކަމަށާއި ނަމަވެސް ނިހާނާ މެދު އެގޮތަށް އަމަލުކުރަމުން ނުދާ ކަމަަށެވެ. އެހެންކަމުން ގާނޫނު އަސާސީން ލިބިދޭ ހައްގު ހޯދައިދިނުމަށް އަމުރުކޮށްދިނުމަށް ސުއޫދު ވަނީ ގާޒީ ކިބައިން އެދިވަޑައިގެންފަ އެވެ.

ގާޒީ މިއަދުގެ އަޑުއެހުން ނިންމާލީ ނިހާންއާއި އޭނާގެ ވަކީލު ފާހަގަކުރި މައްސަލަތައް ބެލުމަށްފަހު ގާނޫނު އަސާސީއާ ގާނޫނުތަކުން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަށް އަންގަންޖެހޭ ކަންކަން އަންގާނެ ކަމަށް ވިދާޅުވުމަށްފަހ އެވެ.

ދައުލަތުން ނިހާންގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއަކީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އެވެ. މި ހުރިހާ ދައުވާ އަކަށްވެސް ނިހާން ވަނީ މީގެ ކުރިން އިންކާރުކުރައްވާފަ އެވެ.

ނިހާނަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އޭނާއާއި ކުރީގެ ޕީޖީ މުހުތާޒު މުހުސިން ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ ހަތްވަނަ ދުވަހުގެ ރެ އެވެ. މުހުތާޒުގެ މައްޗަށްވެސް ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ.