ހަވީރު ނޫހުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށާއި ހ. ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސައިނާއި އޭނާގެ ބޭފުޅުންނަށްވެސް އާ ނޫހެއް ނުއުފެއްދޭ ގޮތަށް އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިއްޖެ އެވެ.

މި އަމުރު ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ހަވީރު ނިއުސް އެޖެންސީގެ ދެ ހިއްސާދާރުން ކަމުގައިވާ ފާރޫގު ހަސަން އާއި އިބްރާހިމް ރަޝީދު މޫސާ އެވެ.

ސިވިލް ކޯޓުގައި މާދަމާ މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

މިފަދަ އަމުރަކަށް ފާރޫގާއި ރަޝީދުގެ ފަރާތުން އެންމެ ފުރަތަމަ އެދުނީ ހަވީރުގެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު އޮތް އަޑުއެހުމުގަ އެވެ. އެދުވަހުގެ އަޑުއެހުމުގައި ފާރޫގާއި ރަޝީދުގެ ފަރާތުން ވަނީ ހަވީރުގައި ތިބި މުވައްޒަފުންނަކީ ހަވީރުގައި ދެމިތިބި މުވައްޒަފުން ކަމަށް ކަނޑައަޅައިދިނުމަށާއި އަދި ހަވީރުގައި މިހާރު ތިބި އެއްވެސް މުވައްޒަފަކަށް އެހެން މީޑިއާ އަކަށް ބަދަލު ނުވެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފަ އެވެ. ނަމަވެސް އެ ހުށަހެޅުމާމެދު ހޯމަ ދުވަހުގެ އަޑުއެހުމުގައި ގޮތެއް ނުނިންމައި، ފަނޑިޔާރު މުހައްމަދު ހަލީމް ވިދާޅުވީ ވަކި މައްސަލައެއްގެ ގޮތުގައި އެކަންކަން ހުށަހަޅުމަށެވެ.

ހަވީރުގެ މިލްކުވެރިކަމުގެ މައްސަލާގައި ސިވިލް ކޯޓުން އެންމެ ފުރަތަމަ ނިންމީ ހަވީރުގެ މަސްއޫލުވެރިފަރާތަކީ ޑރ. ޒާހިރު ހުސައިން ކަމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ބާތިލްކޮށްފަ އެވެ. ހައިކޯޓުގެ ހުކުމް ޑރ. ޒާހިރުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ފަސް މަސް ފަހުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައި ޒާހިރު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލާފަ އެވެ.

ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގައި 11 އޯގަސްޓް 1983 ގައި ހަވީރު ނޫސް އެޖެންސީ ރަޖިސްޓްރީކޮށްފައިވަނީ ފާރޫގް ހަސަނާއި އިބްރާހިމް ރަޝީދު މޫސާގެ އިތުރުން މުހައްމަދު ނައީމް (މޮނާޒާ ނައީމް) ހިއްސާވާ ގޮތަށް ހިންގާ ތަނެއްގެ ގޮތުގަ އެވެ. އޭރު މިކުންފުނީގައި ޒާހިރުގައި ނަން ނެތް ކަމަށް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވެ އެވެ.

އެކަމަކު ހައިކޯޓުން ނިންމި މައްސަލާގައި ހަވީރު ނޫސް އެޖެންސީއަކީ ޑރ. ޒާހިރުގެ އިތުރުން އަނެއް ތިން ބޭފުޅުން ވެސް އެއްވަރަކަށް ހިއްސާވާ ނޫހެއް ކަމަށް ކަނޑައެޅުމުން ނައިމްއާއި ފާރޫގުގެ އިތުރުން ރަޝީދު ވަނީ ހައިކޯޓުގެ ހުކުމް ތަންފީޒުކުރުމަށާ ހައްގުވާ މިންވަރު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. މިމައްސަލާގައި ހޯމަ ދުވަހުގެ އަޑުއެހުމުގައި ޒާހިރުގެ ފަރާތުން ހުށަހެޅުއްވި ބަޔާނުގައި ބުނެފައިވަނީ ޒާހިރަކީ ހަވީރު ނޫސް އެޖެންސީގައި ހިއްސާއެއް އޮތް މީހަކަށް ނުވާތީ ހަވީރު ނޫސް އެޖެންސީ ހިނގި ގޮތަކާއި ލިބުނު އާމްދަނީ އާއި ކުރެވުނު ހަރަދުގެ ތަފްސީލް އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ މައުލޫމާތު އިނގޭނީ ހަވީރު ނޫސް އެޖެންސީގެ ހިއްސާދާރުން ކަމުގައިވާ ފާރޫގާއި، ރަޝީދާއި އަދި ނައީމަށް ކަމަށްވެސް ޒާހިރުގެ ބަޔާނުގައިވެ އެވެ.

ސިވިލް ކޯޓުގައި ހިނގާ މިމައްސަލައަށް ނައީމާއި، ހަވީރު މީޑިއާ ގްރޫޕުން ވަނީ ތަދައްހުލްވެފަ އެވެ. މިމައްސަލާގައި ނައީމް އެދިފައިވަނީ ފާރޫގާއި ރަޝީދު އެދިފައިވާ ގޮތަށް މައްސަލަ ނިންމައިދިނުމަށެވެ. ހަވީރު މީޑިއާ ގްރޫޕުން ބުނެފައި ވަނީ ހަވީރާއި ހަވީރު އޮންލައިނަކީ އެ ކުންފުނީގެ މުދާ ކަމަށާއި އެކުންފުނީގައި ޒާހިރުގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށެވެ. ހަވީރު މީޑިއާ ގްރޫޕުން ޝަރީއަތުގައި މިގޮތަށް ބުނުމުން ހަވީރު ނޫހާއި ހަވީރު އޮންލައިން އެ ކުންފުނީގެ ދަށަށް ދިޔަ ގޮތް ސާފުކޮށްދިނުމަށް ސިވިލް ކޯޓުން ވަނީ ހަވީރު މީޑިއާ ގުރޫޕަށް އަންގާފަ އެވެ.

ސިވިލް ކޯޓުން ވަނީ ހަވީރު ނޫސް އެޖެންސީގެ ހިއްސާދާރުންގެ ބައިވެރިވުމެއް ނެތި ހަވީރު ނޫހާއި ހަވީރު އޮންލައިން ނުހިންގުމަށް އަމުރުކޮށްފަ އެވެ. މިއަމުރާ ގުޅިގެން ހަވީރު ނޫހާއި ހަވީރު އޮންލައިންގެ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.