ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާއަށް މިދިޔަ ބުރާސްފަތި ދުވަހު އިތުރުކޮށްދިން 30 ދުވަހުގެ މުއްދަތު ކެންސަލްކުރުމަށް ނިންމި ނިންމުން އަލުން މުރާޖާކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އަންގައިފިއެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސްގެ ނަޝީދުގެ ބޭސްފަރުވާއަށް މެޑިކަލް ބޯޑުން އިތުރުކޮށްދިން މުއްދަތު ކެންސަލްކުރީ ގާނޫނީ ވަކީލުން ދެއްކި ވާހަކަތަކާއި ގުޅިގެން އެރި އޮޅުމެއްގެ ސަބަބުންކަމަށްވާތީ އެކަން އަލުން ރިވިއުކުރުމަށް މެޑިކަލް ބޯޑަށް އަންގާފައިވާކަމަށެވެ.

ނަޝީދަށް މިދިޔަ އާދިއްތަ ދުވަހު އެއްމަސް ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން އަންގާފައިވީނަމަވެސް ހޯމަ ދުވަހު ވަނީ އެ ނިންމުން ބަދަލްކޮށްފައިވާކަން ހާމަކޮށްފައެވެ.

ނޫސްވެރިންގެ މައުލޫމާތު ދެއްވަމުން ހޯމަ ދުވަހު ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ ރައީސް ނަޝީދުގެ ބޭސްފަރުވާ އަށް އިތުރުކޮށްދިން 30 ދުވަސް އަލުން ކެންސަލްކުރީ އެމަނިކުފާނު އޮޕަރޭޝަނެއް ކުރަންނުޖެހޭ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވުމާ ގުޅިގެން ކަމަށެވެ.

"މުއްދަތު އަނބުރާ ނަގަން ނިންމީ ނަޝީދު ހުށަހެޅުއްވި މެޑިކަލް ލިޔުންތަކުގައި މިމަހުގެ 19 ވަނަ ދުވަހު ސާޖަރީއެއް ހަދަން ޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް އެފަދަ ސާޖަރީއެއް ހަދަން ނުޖެހޭ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވާތީ. އޮޕަރޭޝަނެއް ކުރަން ނުޖެހޭ ނަމަ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން ޖެހޭ ސަބަބެއް ނެތް. ވަކީލުންގެ ވާހަކަތައް މިހާރު އެހުރި ގޮތުން ނަޝީދު ފޮނުއްވީ ސައްހަ ލިޔުންތަކެއްތޯ ވެސް މިހާރު އެބަ ބަލަންޖެހޭ. ނަޝީދުގެ ބޭސް ފަރުވާގެ މުއްދަތު އަދިވެސް އިތުރު ކުރެވިދާނެ. އެކަމަކު އެކަން ކުރާނީ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން " ހުޝާމް ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވީ ރައީސް ނަޝީދަށް ދިން 30 ދުވަހުގެ މުއްދަތު އަނބުރާ ގެނެއުމަށް ނިންމީ ކަރެކްޝަނުގެ ކަމާ ގުޅޭ ކޮމިޓީން އެކަން ބެލުމަށް ފަހު ކަމަށެވެ. އަދި ނަޝީދުގެ ލިޔެކިޔުންތައް ކަރެކްޝަނަށް ލިބުނީ ވަކީލުން މެދުވެރިވެގެން ކަމަށާއި ބޭސްފަރުވާގެ މުއްދަތާ މެދު ގޮތެއް ނިންމަނީ އެ ލިޔެކިޔުންތަކަށް ބެލުމަށް ފަހު ކަމަށްވެސް ހުޝާމް ވިދާޅުވި އެވެ.

މީގެއިތުރުން ހުޝާމް ވިދާޅުވީ ރައީސް ނަޝީދަކީ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވާތީ ހޯމް މިނިސްޓަރު އުމަރު ވެސް ރައީސް ނަޝީދުގެ މައްސަލާގައި ކަރެކްޝަނަށް ލަފާ ދެއްވަމުން ގެންދަވާ ކަމަށެވެ.

ބޭސްފަރުވާކުރުމަށް ރައީސް ނަޝީދަށް ދީފައިވާ މުއްދަތު ހަމަވެ ގިނަ ދުވަސްތަކެއްވީފަހުން އިތުރު ތިރީސް ދުވަސް ބޭސްފަރުވާކުރުމަށް އިތުރުކޮށްދިނުމަށްފަހު އޭގެ އެއް ދުވަސް ފަހުން އެ ނިންމުން ބަދަލްކޮށްފައިވާއިރު، ހުއްދަނެތި ބޭސްފަރުވާކުރުމަށް ހޭދަވި މުއްދަތާއި ގުޅޭގޮތުން އަދި އެއްވެސް ނިންމުމެއް ނިންމާފައިނުވާކަމަށް ކަރެކްޝަނަލް ސާރވިސްއިން ވަނީ ބުނެފައެވެ.