އަރަބިއްޔާ ކުރިން ހުރި ބިމުގައާއި ގާކޮށީގައި ހަދާފައިވާ ފްލެޓް ތަކަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް މިހާތަނަށް ހަދާފައިވާ ފްލެޓްތަކަށް ވުރެ ފެންވަރު ރަނގަޅުކޮށް ހަދާފައިވާ "ލަގްޒަރީ އެޕާޓްމެންޓް" ތަކެއް ކަމަށް މިފްލެޓްތައް އިމާރާތް ކުރި ފަރާތުން ބުނެފި އެވެ.

މި ފްލެޓްތައް އިމާރާތް ކުރީ އިންޑިއާގެ ޓާޓާ ކުންފުނީގެ މެސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އެޕެކްސް ރިއަލިޓީ ކުންފުންޏާއި އެކުންފުނީގެ ރާއްޖޭގެ ޕާޓްނަރު ހޮޓެލް އެންޑް ރިސޯޓްސް ކޮމްޕެނީ ގުޅިގެންނެވެ.

އެޕެކްސްއާއި ހޮޓެލް އެންޑް ރިސޯޓްސް ކޮމްޕެނީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޮޓެލް އެންޑް ރިސޯޓްސް ކޮމްޕެނީގެ ޗެއާމަން ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އަރަބިއްޔާ ކުރިން ހިންގި ބިމުގައި ހަދާފައިވާ އިމާރާތާއި ގާކޮށީގައި ހަދާފައިވާ އިމާރާތުގައި 24 ގަޑި އިރު ކަރަންޓުގެ ހިދުމަތް ލިބޭ ގޮތަށް ބެކަޕް ޖެނެރޭޓަރެއް ބެހެއްޓި މަތީ ފްލޯތަކަށް ޕްރެޝަރުގައި ފެން ފޯރުކޮށްދިނުމަށް ވޯޓާ ޑިސްޓްރިބިއުޝަން ބޫސްޓާ ސިސްޓަމްތައް ވެސް ހަރުކޮށްފައިވާނެ ކަމަށެވެ. މިކަންކަމަކީ އެބޭފުޅުންގެ އަމިއްލަ ހުށަހެޅުމަކަށް ކުރެވުނު ކަންތައްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

"ފެނާއި ކަރަންޓް އެއީ އެންމެ މުހިންމު އަސާސީ ކަންތައް. އެކަންތައްތަކަށް އަޅުގަނޑުމެން މިވަނީ އެޑްރެސް ކޮށްފައި. އެންމެ ލަގްޒަރީ އެޕާޓްމެންޓުތަކުގައި ވެސް ހިދުމަތް ލިބޭނެ ގޮތަށް ސޯޝަލް ހައުސިންއަށް އެކަން ކޮށްދީފައި އެވަނީ.،" ޖަނާހު ވިދާޅުވި އެވެ.

މަސީގެ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ވިދާޅުވީ އަރަބިއްޔާ ކުރިން ހުރި ބިމުގައާއި ގާކޮށީގައި ހަދާފައިވާ ފްލެޓް އިމާރާތުގެ މަތީގައި ހަދާފައިވާ ޓެރަސްއަކީ އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލެވިފައިވާ ޓެރަސްއެއް ކަމަށެވެ. އަދި މިދެތަނުގައިވެސް އޮތް ހުސް ޖާގައިގައި ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް ތަންތަން ހެދި ކޮންމެވެސް ވަރަކަށް ބާގީޗާ ވެސް ހަދާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް ގާކޮށީގައި ޖާގަ ބޮޑުކަމުން ގާކޮށީގައި މިކަންކަން އަނެއް އިމާރާތަށް ވުރެ ފުރިހަމަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެންމެ ކުޑަ ޚަރަދެއް ކޮށްގެން އެންމެ އުފެއްދުންތެރި ގޮތަކަށް އަދި ފެންވަރު ރަނގަޅުކޮށް މި މަސައްކަތް ކުރެވޭނެ ގޮތަށް އަޅުގަނޑުމެން ވާނީ މަސައްކަތް ކޮށްފައި،" ޖަނާހު ވިދާޅުވި އެވެ.

އަރަބިއްޔާ ކުރިން ހުރި ބިމުގައާއި ގާކޮށީގައި ހަދާފައިވާ ފްލެޓް އިމާރާތަށް ޓާޓާ އިން ވަނީ ނަމެއްވެސް ދީފަ އެވެ. އެގޮތުން އަރަބިއްޔާ ހިންގި އިމާރާތުގެ ބިމުގައި ހުރި ފްލެޓް އިމާރާތަށް ކިޔާފައިވަނީ "މާލެ ގްރޭންޑް" އެވެ. މިތަނުގައި 90 ވަނީ ހަދާފަ އެވެ. އަދި ގާކޮށީގެ ބިމުގައި ހަދާފައިވާ ފްލެޓް އިމާރާތަށް ކިޔާފައިވަނީ "މާލެ ގްރޭންޑް" އެވެ. މިތަނުގައި 198 ފްލެޓް ވަނީ ހަދާފަ އެވެ.

މާލޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފްލެޓުތައް ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ.

ގާކޮއްޓާއި އަރަބިއްޔާ ހިންގި ބިމުގެ އިތުރުން އިތުރު ދެ ބިމެއް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަނީ ފްލެޓް އެޅުމަށްޓަކައި ޓާޓާ ކުންފުންޏަށް ދީފަ އެވެ. އެކަމަކު 2012 ވަނަ އަހަރު އަރަބިއްޔާއާ ގާކޮށީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު މިދިޔަ އަހަރު އަލުން އެމަސައްކަތް ފެށީ އެ ކުންފުނިން ބޭނުންވި ބައެއް ކަހަލަ ބަދަލުތައް އެއްބަސްވުމަށް ގެނައުމުންނެވެ.

މާލޭގައި އެޅުމަށް އެމްޑީޕީގެ ސަރުކާރުން ނިންމި 500 ހައުސިން ޔުނިޓުގެ ތެރެއިން 350 ހައުސިން ޔުނިޓުގެ މަސައްކަތަކީ އިންޑިއާގެ ޓާޓާ ހައުސިން ޑިވެލޮޕްމެންޓް ކުންފުނިން ކުރަމުންދާ މަސައްކަތެކެވެ. މިމަޝްރޫއުގެ ދަށުން ގާކޮށީގަ އާއި އަރަބިއްޔާ ހުރި ބިމުގަ އާއި އަދި އޯޑިއޯން ހުރި ބިމުގައި 11 ބުރީގެ ފްލެޓުތައް ހެދުމަށް އެއްބަސްވި އެވެ. އަދި މިމަޝްރޫއުގެ ދަށުން ނާދީ ކުރިން ހިންގި ބިމުގައިވެސް ފްލެޓް އެޅުމަށް ހަމަޖައްސާފައިވެ އެވެ.

ކޮންމެ ފްލެޓް އިމާރާތެއްގައި ވެސް ފުރަތަމަ ދެ ބުރި ހާއްސަކޮށްފައިވަނީ ވިޔާފާރި ބޭނުމަށް ދޫކުރާ ތަންތަނަށެވެ. މީހުން ދިރިއުޅެނީ ދެވަނަ ބުރިން މަތީގަ ހުންނަ ފްލޯތަކުގަ އެވެ.

ކޮންމެ ހައުސިން ޔުނިޓެއް ވެސް ފަރުމާކޮށްފައި ހުންނަނީ ބޮޑު ބެލްކަންޏެއްގެ އިތުރުން ދެވަނަ ބުރީގައި ބަގީޗާ އާއި ހުސް ޖާގަ އޮންނަ ގޮތަށެވެ. އަދި މި ފްލެޓްތައް ފަރުމާކޮށްފައިވަނީ ދިރިއުޅުމަށް ފަސޭހަ އަދި ތިމާވެއްޓާ ވެސް ރަހްމަތްތެރި ގޮތަކަށް ކަމަށާއި މި ފްލެޓްތަކުގައި އިރުގެ އައްޔާއި ވައި އެންމެ ރަނގަޅަށް ބޭނުން ކުރެވޭނެ ކަމުގައިވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

މާލޭގައި 350 ހައުސިން ޔުނިޓު ހެދުމަށް ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 10 ނޮވެމްބަރު 2010 ގައެވެ. އެ އަހަރުގެ މޭ މަހުގެ ތެރޭގައި، ޓާޓާގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އެޕެކްސް ރިއަލިޓީއަށް ހަވާލުކުރި ހަތަރު ބިމުގައި ފްލެޓު އެޅުމަށް ޓާޓާ އިން އެއްބަސްވީ 18.9 މިލިއަން ޑޮލަރު ނުވަތަ 291.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދެ އަހަރުގެ ތެރޭގައި މަސައްކަތްތައް ނިންމާ ގޮތަށެވެ.