ކޮމަންވެލްތްގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމައިފި އެވެ.

އެ ގުރޫޕުން މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ސީމެގުގެ ބައްދަލުވުމުގައި ރާއްޖެގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު އެވެ.

ދާދި ދެންމެއަކު ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައިވެސް މިކަން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ފޮރިން މިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވަނީ ކޮމަންވެލްތްގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕްގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމާފައިވާ ކަމަށެވެ. އެމިނިސްޓްރީން ބުނީ ސީމެގުން ބާރުއަޅާފައިވަނީ ބިނާކުރަނިވި ގޮތެއްގައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ މައްސަލަތަކާއި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކާއި އަދި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމްތައް އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި އިތްތިސާދީ ތަރައްގީއާއި، އިޖްތިމާއީ ދުޅަހެޔޮކަމާއި، ގައުމުގެ ހަމަޖެހުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ސީމެގްގެ ގައުމުތަކުގެ މަންދޫބުންނަށް ސަރުކާރުން ހިއްސާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުވެ.