ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު ސީމެގް ގެ އެޖެންޑާގައި ރާއްޖެ ހިމަނާވަރުގެ ސީރިއަސް ކަންތައްތަކެއް ރާއްޖޭގައި ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެއާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ސީމެގް އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމެވުމާއި ގުޅިގެން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމާ ވިދާޅިވީ މިއަދުގެ މަޝްވަރާތަކަށްފަހު ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު ސީމެގް ގެ އެޖެންޑާގައި ރާއްޖެ ހިމަނާވަރުގެ ސީރިއަސް ކަންތައްތަކެއް ރާއްޖޭގައި ނެތްކަމަށް ސީމެގް އިން ނިންމަވާފައިވާ ކަމަށެވެ. އަދި، މިއަދު ރާއްޖެއާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ގައުމުގެ މިއަދުގެ ހާލަތާއި، ގައުމުގެ ހަމަޖެހުމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ސަރުކާރުން ދެއްވާ އިސްކަމުގެ މައްޗަށް، ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން މަޢުލޫމާތު ހާމަ ކުރައްވާފައިވާ ކަމުގައިވެސް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސީމެގްގެ ބަޔާނުގައި އެންމެ މުހިންމު ކަމަކަށް ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގައި ހުރި ހިޔާލު ތަފާތުވުންތަކާއި ކަންބޮޑުވުންތަކާ ބެހޭގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިގެން ހައްލެއް ހޯދުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ ވިދާޅުވިއެވެ. އަދި، ސީމެގް ގެ މި ނިންމެވުމަށް ދިވެހި ސަރުކާރުން މަރުހަބާ ވިދާޅުވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.