ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްތަކަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހް ހުށަހަޅާފައިވަނީ އެ އޮފީހުން ކަމަށާއި، މީގެ ބޭނުމަކީ ގެދޮރު ގަތުމަށް ބޭނުންވެފައި ތިބި މީހުންނަށް މަގެއް ހުޅުވައިދިނުން ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންއިން ބުނެފި އެވެ.

ޕެންޝަން އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ސީއީއޯ މުހައްމަދު މަނިކު ވިދާޅުވީ އެސްކީމް ހިންގުމަށް ހަދަންޖެހޭ އުސޫލްތައް ޑުރާފްޓު ކުރެވިފައިވާއިރު އެކަން ކުރުމުގެ މަޝްވަރާތައް ބޭންކުތަކާއެކު ކޮށް ނިމިފައިވާ ކަމަށެވެ.

"އެހެންކަމުން އެ ބިލް ރައީސް ތަސްދީގު ކުރައްވާތާ ދެތިން މަސް ތެރޭގައި އަމަލު ކުރެވެން ފަށާނެ،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މާކެޓުގައި އެޕާޓްމަންޓް އުޅޭ އަގުތަކަށް ބަލާއިރު ގެދޮރުގަނެވޭނެ ފެންވަރުހުރި 550 އަށް ވުރެ ގިނަ މެމްބަރުން މިހާރުވެސް ޕެންޝަންފަންޑުގައި އެބަތިބި ކަމަށާއި، ގެދޮރު ގަތުމަށް ބޭނުންވާ ފަރާތްތަކުން ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ނުދެއްކިފައި ތިބި ގިނަ ރައްޔިތުންތަކެއް އެބަތިބި ކަމަށެވެ.

މަނިކު ވިދާޅުވީ ރާއްޖޭގެ ސޯޝަލް ހައުސިންގެ ބާޒާރުގައި އަގުތައް އުޅެނީ 1.5 މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގައި ކަމަށާއި މި އަގަށް ބަލާނަމަ ވެސް ޕެންޝަން ފަންޑުގައި ތިބި މީހުންގެ ތެރެއިން 550 މީހުންނަށް ފްލެޓް ހޯދޭނެ ކަމަށެވެ.

މި ސްކީމުގެ ދަށުން ފްލެޓް ގަންނަން ބޭނުންވާ މީހާގެ އަތަށް ފައިސާ ދޫނުކުރާނެ ކަމުގައިވެސް މަނިކު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޕެންޝަން ފަންޑުން ބޭންކުތަކަށް ދޭނީ ގެރެންޓީއެއް ކަމަށާއި، އެއީ އެ މީހަކު އޭނާގާ ލޯން ނުދެއްކޭ ހާލަތުގައި ޕެންޝަން އޮފީހުން އެފައިސާ ދައްކައިދޭނެ ކަން ޔަގީންކޮށްދިނުމަށް ކުރާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އިސްލާހުގައި ބުނެފައިވަނީ ޕެންޝަން ގާނޫނުގެ ދަށުން ކޮލަޓަރަލް ކުރެވޭ ފައިސާއަކީ ހަމައެކަނި ޑައުންޕޭމަންޓަށް ބޭނުންވާ ފައިސާ ކަމަށެވެ. އެހެންކަމުން ލޯނުގެ އިންޓްރެސްޓަށް ނުވަތަ އެހެން ކަމަކަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ޕެންޝަން ފަންޑުގައި 1700 އަށް ވުރެ ގިނަ މުއައްސަސާއިން 82،000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

އެ ފަންޑުގައި މިވަގުތު 5.1 ބިލިއަން ރުފިޔާ އެބަހުއްޓެވެ.