ބާކީ ދިހަ ދުވަސް އޮއްވާ ރައްޔިތުންގ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލީސް ޗުއްޓީއަށް ގޮސްފިއެވެ.

މަޖިލީހުގެ މިދައުރު ނިމާލުމަށްފަހު ޗުއްޓީއަށް ދިޔަނަމަވެސް މަޖިލީހުގ ރިޔާސަތުން އެކަން އިއުލާންކޮށްފައެއް ނުވެއެވެ. މިއަދު ބޭއްވި މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މަޖިލީސް ޗުއްޓީއަށް ދިޔަކަން އިއުލާން ނުކުރެއްވި ނަމަވެސް މަޖިލީހުގެ މެންބަރުންނަށް މިހާރު ވަނީ އެކަން އަންގާފައެވެ.

ވީނިއުސްއިން މިރޭ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒް އަހްމަދު މުހައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިޔަކަން އަދި މަޖިލީހުގެ ރައީސް އިއުލާންކުރައްވާފައި ނުވާކަމަށެވެ.

ރައީސް އިއުލާން ނުކުރެއްވިނަމަވެސް މަޖިލީސް ޗުއްޓީއަށް ދިޔަކަން މެންބަރުންނަށް އަންގާފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލް ދެންނެވުމުންވެސް މަޖިލީހުގެ އަމީން އާންމު ވިދާޅުވީ މަޖިލީސް ޗުއްޓީއަށް ދިއުމާއިމެދު ގޮތް ނިންމަވާނީ ރިޔާސަތުންކަމަށެވެ.

"އެކަން އިއުލާނެއް ނުކުރައްވާ ދެއްތޯ. މިއަދު މަޖިލީސް ނިންމަވާލެއްވިއިރު މަޖިލީހުގެ ރައީސް އެކަން އިއުލާން ނުކުރައްވާތީ ތިޔަ ސުވާލަކަށް އަޅުގަނޑަށް ޖަވާބެއް ނުދެވޭނެ." އަމީން އާންމު ވިދާޅުވިއެވެ.